ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، އެ ބޭފުޅުން މަގާމުން ދުރުކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ލިބޭގޮތަށް ގާނޫނަށް ބަދަލު ގެންނަވަން ގަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޔޫތު ހަބްގައި ޒުވާނުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ދަށުން މެންބަރުންގެ ދައުރުގެ ތެރޭގައި "ރީކޯލް ވޯޓު" ނެގޭނެ ނިޒާމެއް ތައާރަފުކުރައްވާނެ ކަމަށެވެ. މި ބަދަލާއެކު، އިންތިޚާބުކޮށްފައި ހުންނަ މެންބަރެއް ނުވަތަ ކައުންސިލަރެއްގެ މަސައްކަތުގެ ފެންވަރު ދަށްވެއްޖެނަމަ، ނުވަތަ ގާނޫނީ ޝަރުތެއް އުނިވެއްޖެ ހާލަތެއްގައި، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ޕެޓިޝަނެއް ހުށަހަޅައިގެން އެ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ވިސްނަމުންދާއިރު، މިފަދަ ގާނޫނެއް އޮތުމުން ދައުރުގެ މެދުތެރެއިން މެންބަރުން ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ތައައްސުބުން އެއްކިބާވެ، މި ހުށަހެޅުމާމެދު ވިސްނައިފިނަމަ މިއީ އެންމެ ރަނގަޅު އަދި އެންމެ ހަގީގަތާ އެއްގޮތް ނިންމުންކަން ސާފުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިސްލާހުތަކާއެކު ސަރުކާރާއި، މަޖިލީހާއި އަދި ކައުންސިލްތަކުގެ ހިންގުން ހަރުދަނާވެ، ނިންމުންތަކުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި ބޭއްވޭ އިންތިޚާބުތައް އޭގެ ހަގީގީ މާނައިގައި މިނިވަން އަދި އިންސާފުވެރި ވެގެންދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ