މި ސަރުކާރު ވެރިކަމަށް އައިސް، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް އިންވެސްޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި އިއާދަކުރުވަނި ހަތައައިގެ ބިޔަ ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ޕްރޮޕޯސަލް ލިބިފައިވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން މާގިރި ހޮޓަލްގައި މިރޭ ބޭއްވި ކޮންސްޓްރަކްޝަން އެވޯޑު ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފުރަތަމަ ޕްރޮޕޯޒަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެ ޕްރޮޕޯޒަލަކީ ރިނިއުވަބަލް އެނާޖީގެ ދާއިރާއިން 110 މެގަވޮޓު ހާސިލުވެގެންދާ ޕްރޮޕޯޒަލެއް.
އެސްއީޒެޑްގެ ފުރުސަތު ތަންމިނަށް ސަރުކާރުން މިހާރު ހުޅުވާލާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީން ވެސް އެ ފުރުސަތުގެ ބޭނުންހިފައި، ބޭރުގެ އިންވެސްޓްމަންޓުތައް ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލްތައް ބަލްކުކޮށް ގެނެސް، އެސްއީޒެޑް ސްޓޭޓަސް ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ރާއްޖޭގައި ބަލްކް ސްޓޯރެޖް ފަށައި، ސްޓޯ ކޮށްގެން ރީ-އެކްސްޕޯޓް ކުރަންވީ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށްވެސް އެސްއީޒެޑްތަކުގައި އިންވެސްޓު ކުރުމުގެ ފުރުސަތު އޮތްކަން ފާހަކުރައްވަމުން ރައީސް ވިދާޅިވިއެވެ.
އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުޙައްމަދު އަލީ ޖަނާޙެވެ.
މި ޙަފުލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރެއްވީ އަމީން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން، ޢަބްދުﷲ މުޙައްމަދާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއަރމަން މުޙައްމަދު އަލީ ޖަނާޙަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.