އދ. ދިގުރަށުގައި މި މަހުގެ ތެރޭގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފިއެވެ.
ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ތުއްތު ކުއްޖާ ފެނުނު އިރު، އެ ކުއްޖާ ވަނީ މަރުވެފައެވެ. އެހެންވެ، އެ ކުއްޖާގެ ހަށިގަނޑު އެ ރޭ މާލެ ގެނެސް، ގަލޮޅު މޯޗަރީގައި ބޭއްވިއެވެ. ފޫޅު ނުކަނޑާ އޮތް ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުއްޖާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް މި މަހުގެ 16 ވަނަ ދުވަހު އިންޑިއާއަށް ގެންދިއުމަށް ފަހު، މިދިޔަ ހުކުރު ދުވަހު އަނބުރާ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.
ކުއްޖާ މަރާލައި އެއްލައިލިކަމުގެ ތުހުމަތަށް ހަމަ އެ ދުވަހު ހައްޔަރުކޮށްފައިވަނީ އެ ރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާގެ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ފުރައިގެން ދާން އުޅެނިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެ އަންހެން މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ