ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިއިރު ޕޮޒިޓިވްވީ 228 ފަތުރުވެރިއަކު

ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިއިރު ޕޮޒިޓިވްވީ 228 ފަތުރުވެރިއަކު

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2020 10:33
0

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިކަން އައިސްފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވީ ވަރަށް މަދު އިންސައްތައެއްގެ ފަތުރުވެރިކަމަށް ޓުވަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުވަރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަ އަލީ ރައްޒާން ވިދާޅުވީ ކުރިން އުންމީދު ކުރިވަރަށްވުރެ ރަނގަޅަށް ބޯޑަރު ހުޅުވާލިފަހުން ޓުވަރިޒަމްގެ ކަންކަން ކުރިއަށްދާކަމަށެވެ. ޚާއްސަކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރެވި އަންނަ ޓުވަރިސްޓުންނަށްވެސް ވަރަށް ރަނގަޅަށް ސާވިސް ދެވިފައިވާކަމަށެވެ.

މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އޭގެ ތެރެއިން އެންމެ 228 ފަތުރުވެރިޔަކު ޕޮޒިޓިވްވުމަކީ މިކަމުގެ ވަރަށްބޮޑު ހެއްކެއްކަމަށެވެ. އަދި ޕޮޒިޓިވްވި ފަތުރުވެރިޔަކާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، ކޯވިޑްގެ ނުރައްކާ މުޅި ރަށުގައި ނޫނީ ރިސޯޓެއްގައި އޮތުމުގެ ފުރުސަތު އޮތް އެއްވެސް ކޭސްއެއް ފެނިފައި ނުވާކަމަށެވެ. މިކަން މިގޮތަށް ކުރެވިފައިވަނީ ޓްވަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ އެހީއާއި އެކުގައިކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ.

އޭނާވިދާޅުވީ މާދަމާ މާލެ ސަރަހައްދުގައި ގެސްޓު ހައުސްތައް ހުޅުވާލާއިރުވެސް އުންމީދު ކުރަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރެވި ކާމިޔާބް ކަމާއިއެކު ފަތުރުވެރިކަން ފުޅާ ކުރުންކަމަށެވެ. މިކަން ކުރެވޭނީ އެންމެންގެ އެއްބާރުލުމާއި އެކުގައިކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ.

ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ އަދަދު އިތުރުވެފައި ވާއިރު ފަތުރުވެރިންނަށް ހިދުމަތްދޭ ގިނަ ފެސިލިޓީ ތަކެއް ވެސްމިހާރު ހުރީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސް ހޮޓެލް ތަކުގެ އިތުރުން ސަފާރީތައް ހިމެނޭގޮތަށް 407 ފެސިލިޓީއެއް މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މި ހުރިހާތަނެއްގައި 36،750 ޓޫރިސްޓް އެނދުން ހިދުމަތް ދެވޭފެންވަރަށް މިހާރު އެތަންތަން ވަނީ ތައްޔާރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރާއިރު، އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.