މާލޭގެ ތަރައްގީ އަށް ސިޓީ ކައުންސިލުން ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ފަށަނީ

މާލޭގެ ތަރައްގީ އަށް ސިޓީ ކައުންސިލުން ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ފަށަނީ

މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރުގައި މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ކަންގަތި އެވޯޑް" ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރު ރައްޔިތުންނަށް ކޮށްދޭން އުޅުއްވި މުހިންމު ބޮޑެތި ގިނަ ކަންތައްތަކެއް އޭރު އޮތީ ހުއްޓުވާފައި ކަމަށެވެ.

އޭރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު އެއް ފުރާޅެއްގެ ދަށަށް ގެނެސް އެންމެ ޒަމާނީ ފެންވަރަށް ބިނާވެފައިވާ އިމާރާތަކަށް ހެދުމަށް ހުރިހާ ތައްޔާރެއް ވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި އޮތް ޓްރެފިކް މައްސަލަ ހައްލުކުރަން، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އޮންނަ ފަދަ ހައްލުތަކެއް މާލެއަށްވެސް ތައާރުފް ކުރަން މަސައްކަތް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެތެރޭގައި، ޕާކިންގ ބިލްޑިންގތައް ބިނާކުރަން ހުރިހާ ތައްޔާރީއެއް ވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާތީ އެކަމުގެ ހައްލުވެސް ހޯއްދެވި ކަމުގައި ރައީސް ވިދާޅުވިއެވެ.

"އެއީ، ކަނޑައެޅިފައިވާ އުޞޫލުތަކާއި ފަސޭހަތަކަކާއެކު، އެ ތަންތާނގައި ދިރިއުޅޭ ރައްޔިތުންނަށް އެ އިމާރާތްތައް އަލުން ބިނާކޮށްދިނުން. އެއީ، އެކަމުގައި މާލީ އެއްވެސް ތަކުލީފެއް، އެއިން އެއްވެސް ރައްޔިތަކަށް އުފުލަން ނުޖެހޭގޮތަށް" އަންނަ ފެބްރުއަރީގައި އެ މަސައްކަތް ފަށާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލް މެދުވެރިކޮށް މި އަންނަ އަހަރުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ޒަމާނީ މާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތް ވެސް މި އަންނަ ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *