ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ ވެރިންގެ މުސާރަ ބޮޑު ކުރަން ވޯޓު ނުދެއްވާނެ ކަމުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.
ކުއްލި ގޮތަކަށް ދައުލަތުގެ އިސްވެރިންގެ މުސާރަ، މަޖިލިސް މެމްބަރުންނަށް އެއްލައްކަ ރުފިޔާ ލިބޭގޮތަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ދާއިރާތަކުގެ މެމްބަރުންނަށް ކޮމިޓީން ފާސްކޮށްފައިވާ ނިންމުމަށް މަޖިލިހުގެ ތަޅުމުގައި ވޯޓު ނުދިނުމަށް ގޮވާލަމުންނެވެ.
އޭގެ އިތުރުން އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުންވެސް ދަނީ ކޮމިޓީ ނިންމުމަށް ތާއީދު ނުކުރާނެކަން ހާމަކުރަމުންނެވެ. ޝަރީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ މުސާރަ ބޮޑު ކުރަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އިސް ފަރާތްތަކުގެ އަދި މަޖިލިސް މެމްބަރުން ހިމެނޭ ގޮތަށް މަގާމުތަކަށް އިންތިހާބުކޮށްފައިވާ ފަރާތްތަކުގެ މުސާރަ ބޮޑުކުރަންޖެހޭ ހާލަތެއް އޮތް ކަމަށް ގިނަ ރައްޔިތުން ގަބޫލުނުކުރާތީ މުސާރަ ބޮޑުކުރަން ވޯޓު ނުދެއްވާނެ ކަމަށެވެ.
ސަރުކާރުން ބުނެފައިވަނީ މުސާރަ ބޮޑުކުރުމަށް އެމްޑީޕީގެ މެމްބަރުން ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންވެސް ނޫންކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި އެއްލައްކަ ރުފިޔާ ލިބޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާއި ނާއިބު ރައީސް ހިމެނޭހެން، ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ މިހަފްތާގައި، މާލިއްޔަތު ކޮމިޓީންނެވެ.
މިހާރުގެ މުސާރަތައް ހަމަޖެހިފައިވާ ގޮތުން، މަޖިލިސް މެމްބަރަކަށް މުސާރައިގެ ގޮތުގައި 62،500 ރުފިޔާއާއެކު، ކޮމިޓީ އެލަވެންސްއާއި ހިމެނުމުން މަހަކު 82،500 ރުފިޔާ ލިބިވަޑައިގަންނަވެއެވެ.
މިއަދު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލިސް މެމްބަރުންނަށް މަހަކު 80،000 ރުފިޔާ ބޮޑު ކުރުމަށެވެ. އެގޮތުން މި މުސާރައަށް ބަލާއިރު، ކޮމިޓީން ފާސްކުރި ގޮތަށް ބަލާއިރު، ކޮމިޓީ އެލަވެންސް އެއްކޮށްލުމުން މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރަ މަހަކު 100،000 ރުފިޔާއަށް އަރައެވެ. ކޮމިޓީ އެލަވެންސްގެ ގޮތުގައި މެމްބަރުންނަށް މަހަކު 20،000 ރުފިޔާ ލިބެއެވެ.
ބައެއް މެމްބަރުން ޚަބަރު އޮންލައިންއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް، ނައިބު ރައީސް، މިނިސްޓަރުން އަދި މިނިވަން މުއައްސަސާތަކުގެ މުސާރައަށް މިއަދު ކޮމިޓީން ގެނައި ބަދަލާއެކު، ކޮންމެ މަގާމަކަށްވެސް މުސާރައަށް ގާތްގަނޑަކަށް 25 ނުވަތަ 30 އިންސައްތަ ބޮޑުވެގެންދާނެއެވެ.
- ކޮމިޓިން ބެނައި ބައެއް ބަދަލުތަކުގެ ތަފްސީލު:
- މަޖިލީހުގެ ރައީސްއަށް 90،000 ރުފިޔާއަށް ބޮޑު ކުރުމަށް
- މަޖިލީހުގެ ނައިބު ރައީސްއަށް 88،000 ރުފިޔާއަށް ބޮޑު ކުރުމަށް
- އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާއަށް ބޮޑު ކުރުމަށް
- އެމްއެމްއޭގެ ގަވަރުނަރަށް 74،000 ރުފިޔާއަށް ބޮޑު ކުރުމަށް
- އޮޑިޓާ ޖެނެރަލް އާއި ޕްރޮސެކިއުޓަ ޖެނެރަލަށް 74،000 ރުފިޔާއަށް ބޮޑު ކުރުމަށް
މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ފާސްކުރި ގޮތް:
- ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 46،000 އަށް ރުފިޔާއަށް ބޮޑު ކުރުމަށް
- ޑެޕިއުޓީ މޭޔަރުންގެ މުސާރަ 40،500 އަށް ބޮޑު ކުރުމަށް
- ސިޓީ ކައުންސިލް މެމްބަރުންގެ މުސާރަ 35،000 އަށް ބޮޑު ކުރުމަށް
- އަތޮޅު ކައުންސިލްގެ ރައީސުންނަށް 33،000 އަށް ބޮޑު ކުރުމަށް
- ރަށު ކައުންސިލްގެ ރައީސުންގެ މުސާރަ 25،500 އަށް ބޮޑު ކުރުމަށް
- ރަށު ކައުންސިލްގެ ނައިބުންގެ މުސާރަ 20،000 އަށް ބޮޑު ކުރުމަށް
- ރަށު ކައުންސިލަރުންގެ މުސާރަ 18،000 ރުފިޔާއަށް ބޮޑު ކުރުމަށް