ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ގެދޮރުގެ ދަތިކަމުން ދިވެހިން ކަރުނަ އަޅަން ނުޖެހޭ ޒަމާނެއް ގެނެސްދޭން ބޭނުން: ރައީސް

ގެދޮރުގެ ދަތިކަމުން ދިވެހިން ކަރުނަ އަޅަން ނުޖެހޭ ޒަމާނެއް ގެނެސްދޭން ބޭނުން: ރައީސް

އެމަނިކުފާނުގެ މަގްސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނަ އަޅަން ނުޖެހޭ ޒަމާނެއް ދިވެހިންނަށް ގެނެސް ދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި "ކަންގަތި" އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވަކިޕާޓީއެއް ތަފާތު ނެތި، އެންމެ ގިނަ ދިވެހި ރައްޔިތުން އެމަނިކުފާނު ގާތުގައި ދެއްކެވި އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކަ ކަމަށެވެ. ކުދިކުދި ގޮޅިގޮޅީގައި ތިން، ހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފްގެ ވާހަކަ ދެއްކި އިރު، އެ ދިރިއުޅުމުގެ އަރާމެއް ނެތް ވާހަކަ އާއި އަބަދު ދިޔައީ ނިކަމެތި ހިތްދަތި އިހްސާސްތަކުގެ ވާހަކަ ދައްކަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މަންމައިންގެ ލޮލުން އޮހުނު ކަރުނަ، އެ ވަގުތު ހިތްތަކަށް ކޮށްފައިވާ އަސަރު، އަޑުގައި ހުރި ވޭނާއި ރިހުން މި ހިނދު މި ތަންވަޅު ވެސް ހަމަ ވީޑިއޯ ފީތާއެއްހެން އަޅުގަނޑުގެ ސިކުނޑީގައި އެބަ ހުޅުވި ދައުރުވޭ. ވަރަށް ފުން އަސަރެއް އެކަމުން އަޅުގަނޑަށް ކުރޭ." ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއަކީ މިހާރު އޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެކެވެ. އޭގެއިތުރަށް ގިރާވަރު ފަޅާއި ގުޅީފަޅު ހިއްކައި އެންމެ ޒަމާނީ ފެންވަރުގައި އާ ޝަހަރުތަކެއް ދިވެހިންގެ ހަޔާތަށް ހަދިޔާ ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ތަފާތު އެކިކަންކޮޅުތަކުގައި ވެސް ގެދޮރުވެރިކަމުގެ ބިޔަ އެތައް މަޝްރޫއެއް ހިންގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ މަގްސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭ ޒަމާނެއް ދިވެހިންނަށް ގެނެސްދިނުން. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހިންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން." ފޯރި އާއި ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން މަޖިލިހަށް ހުށަހެޅި ބަޖެޓުގައި މި ސަރުކާރުން އެދިގެން ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައި އޮއްވައި، މަޖިލިހުން ބަޖެޓް ފާސް ކުރިއިރު އެ ފައިސާ އުނިކޮށް އެހެން މަޝްރޫއުތަކަށް ހަމަޖެއްސި މައްސަލައިގައި ރައީސް މުއިއްޒު ވަނީ އެއީ ދިވެހި ރައްޔިތުންނާއި ގައުމާ އެއްކޮޅަށް ނިންމެވި ނިންމެވުމެއްތޯ ސުވާލު ކުރައްވައިފައެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ބަޖެޓު ލިބިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވަން ޖެހުނީ ވަރަށް ދަތި އުނދަގުލުން އެހެން މަގަކުންނެވެ. އަދި އެ މަޝްރޫއު ފެއްޓެވީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ހުންނަވައި ކަމުގައި ރައީސް ވިދާޅުވިއެވެ.

"ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާއިމަށް ނިމުމެއް ގެންނާނަން. އަޅުގަނޑު އަބަދުވެސް ހުންނާނީ ރައްޔިތުންނާ އެއްކޮޅަށް. އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގައި. ސަބަބަކީ އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ވަރަށް ލޯބިވަން." ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *