ގައުމީ މަސްލަހަތު އިސްކޮށް ސަރުކާރަށް އެއްބާރުލުމާއި ތާއިދު ދޭނެކަމުގެ ޔަގީންކަން ހަތަރު ޕާޓީއެއްގެ ލީޑަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމްއާ މިއަދު ވަކިވަކިން ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގައުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
އެގޮތުން ގައުމުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިޔަށްގެންދަވާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ދާހިލީ އަދި ހާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަޙަތު އިސްކުރައްވައި، ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމުކަމަށާއި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވަވާނެކަމުގައި ވިދާޅުވިއެވެ.