މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ ވެރިން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކުން ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.
ނަމަވެސް، އެކަމާ ގުޅިގެން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށާއި، އެ ކަންކަން ސަރުކާރުން ކުރައްވާނެ ކަމަށާއި މަރުގެ އަދަބު ތަންފިޒްކުރުމުގެ ކަންކަން ކުރައްވާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
"މަރުގެ އަދަބު ތަންފީޒުކުރުމާއި ގުޅޭގޮތުން ބުނާނީ، މިއީ މަރުގެ ހުކުން ތަންފީޒުކުރުމަށް ނިންމާފައިވާ ސަރުކާރެއް." އިހުސާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،"
ސުޕްރީމް ކޯޓުން މިހާތަނަށް އައިއިރު ވަނީ ހަތަރު މީހެއްގެ މައްޗަށް އިއްވި މަރުގެ ހުކުމް ދަމަހައްޓައިފައެވެ. ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލާގައި އޭނާގެ ގާތިލް މުހައްމަދު ޝައިފަން މަރަން ކުރި ހުކުމް ވެސް ތާއީދުކޮށްފައެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ، ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓައިފި ނަމައެވެ. އެކަމަކު، އެއްވެސް ސަރުކާރަކަށް އެ ހުކުމް ތަންފީޒު ކުރެވިފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމެއް ތަންފީޒެއް ނުކުރެވުނެވެ. އެކަމަށް އުސޫލެއް ހަދައި، ދަންޖެއްސުމުގެ ބަދަލުގައި އިންޖެކްޝަން ދީގެން މަރުގެ ހުކުމް ދޭން ވެސް އޭރު މަސައްކަތް ކުރިއެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުއެވެ.