ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ޝަހީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށާއި، ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން.
— Mohamed Shahyb (@MvSpokesperson) December 20, 2023
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި އެއްލައްކަ ރުފިޔާ ލިބޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާއި ނާއިބު ރައީސް ހިމެނޭހެން، ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވުނު މާލިއްޔަތު ކޮމިޓީން ބައްދަލުވުމުގައެވެ.
މިހާރުގެ މުސާރަތައް ހަމަޖެހިފައިވާ ގޮތުން، މަޖިލިސް މެމްބަރަކަށް މުސާރައިގެ ގޮތުގައި 62،500 ރުފިޔާއާއެކު، ކޮމިޓީ އެލަވެންސްއާއި ހިމެނުމުން މަހަކު 82،500 ރުފިޔާ ލިބިވަޑައިގަންނަވެއެވެ.
މިއަދު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލިސް މެމްބަރުންނަށް މަހަކު 80،000 ރުފިޔާ ބޮޑު ކުރުމަށެވެ. އެގޮތުން މި މުސާރައަށް ބަލާއިރު، ކޮމިޓީން ފާސްކުރި ގޮތަށް ބަލާއިރު، ކޮމިޓީ އެލަވެންސް އެއްކޮށްލުމުން މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރަ މަހަކު 100،000 ރުފިޔާއަށް އަރައެވެ. ކޮމިޓީ އެލަވެންސްގެ ގޮތުގައި މެމްބަރުންނަށް މަހަކު 20،000 ރުފިޔާ ލިބެއެވެ.
ބައެއް މެމްބަރުން ޚަބަރު އޮންލައިންއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް، ނައިބު ރައީސް، މިނިސްޓަރުން އަދި މިނިވަން މުއައްސަސާތަކުގެ މުސާރައަށް މިއަދު ކޮމިޓީން ގެނައި ބަދަލާއެކު، ކޮންމެ މަގާމަކަށްވެސް މުސާރައަށް ގާތްގަނޑަކަށް 25 ނުވަތަ 30 އިންސައްތަ ބޮޑުވެގެންދާނެއެވެ.
- ކޮމިޓިން ބެނައި ބައެއް ބަދަލުތަކުގެ ތަފްސީލު:
- މަޖިލީހުގެ ރައީސްއަށް 90،000 ރުފިޔާއަށް ބޮޑު ކުރުމަށް
- މަޖިލީހުގެ ނައިބު ރައީސްއަށް 88،000 ރުފިޔާއަށް ބޮޑު ކުރުމަށް
- އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާއަށް ބޮޑު ކުރުމަށް
- އެމްއެމްއޭގެ ގަވަރުނަރަށް 74،000 ރުފިޔާއަށް ބޮޑު ކުރުމަށް
- އޮޑިޓާ ޖެނެރަލް އާއި ޕްރޮސެކިއުޓަ ޖެނެރަލަށް 74،000 ރުފިޔާއަށް ބޮޑު ކުރުމަށް
މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ފާސްކުރި ގޮތް:
- ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 46،000 އަށް ރުފިޔާއަށް ބޮޑު ކުރުމަށް
- ޑެޕިއުޓީ މޭޔަރުންގެ މުސާރަ 40،500 އަށް ބޮޑު ކުރުމަށް
- ސިޓީ ކައުންސިލް މެމްބަރުންގެ މުސާރަ 35،000 އަށް ބޮޑު ކުރުމަށް
- އަތޮޅު ކައުންސިލްގެ ރައީސުންނަށް 33،000 އަށް ބޮޑު ކުރުމަށް
- ރަށު ކައުންސިލްގެ ރައީސުންގެ މުސާރަ 25،500 އަށް ބޮޑު ކުރުމަށް
- ރަށު ކައުންސިލްގެ ނައިބުންގެ މުސާރަ 20،000 އަށް ބޮޑު ކުރުމަށް
- ރަށު ކައުންސިލަރުންގެ މުސާރަ 18،000 ރުފިޔާއަށް ބޮޑު ކުރުމަށް