އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމުގެ ހުއްދަ މިހަފްތާގައި ލިބޭނެ: އީސީ ޝަރީފް

އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމުގެ ހުއްދަ މިހަފްތާގައި ލިބޭނެ: އީސީ ޝަރީފް

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2020 03:32
0

ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ އެޗްޕީއޭއިން މިހަފްތާގައި ދޭނެކަން ނުރަސްމީކޮށް އަންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އީސީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވަނީ، ޤާނޫނުގައި ބުނާ ތާރީޚުގެ ކުރިން އެކޮމިޝަނުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން 60 ދުވަހުގެ ކުރިން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، 28 ދުވަސް ކުރިން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ދިނުންފަދަ ކަންކަން ހިމެނޭކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެކަންކަމަށް ރިޢާޔަތްކޮށް މިހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާއި ޖެނުއަރީ މަހުގެ 5 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި އިންތިޚާބު ބާއްވަން ކުރަންޖެހޭ މަސައްކަތްކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމުން މެނުވީ ކަނޑައެޅިފައިވާ ތާރީޚަށް އިންތިޚާބު ނުބޭއްވޭނެކަމަށެވެ.

ކޯވީޑް-19އާއި ގުޅިގެން އިންތިޚާބު މިއަހަރު ނުބެއވެވުމުގެ ސަބަބުން އިންތިޚާބު ފަސްކުރުމަށް ވަނީ ޚާއްޞަ ޤާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ފަށަންވާނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ ކޯވިޑް-19 އާ ގުޅޭގޮތުން އިޢުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ޙާލަތެއް ނިމުމަކަށް ގެނައުމަށްފަހު، އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެކަމެއް ނޫންކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުގައިކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ވަކި ތާރީޚެއްގެ ކުރިން އިންތިޚާބު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުއްދަ ނުދޭނަމަ މަސައްކަތް ނުފެށޭނެކަމަށާއި، އެކަމާއިގުޅިގެން އެޗްޕީއޭއާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިހަފްތާގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ހުއްދަ ލިބޭނެކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު އެޗްޕީއޭގެ ފަރާތުން ނުރަސްމީކޮށް އަޅުގަނޑުމެންނަށް ދެއްވާފައިވާ މަޢުލޫމާތަކީ ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާނެކަމަށް. އަދި އެޗްޕީއޭއިން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައި އޮތް އޮތުން ބާޠިލު ނުކުރިނަމަވެސް. ޤާނޫނު ބުނޭ އެޗްޕީއޭއިން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފިނަމަ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް އެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާ ނުލި ނަމަވެސް.

– އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ކުރިން ތަޢާވަލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19އަާއި ގުޅިގެން އިއުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިހާރު އިންތިޚާބު ބޭއްވޭނެކަމަށް އީސީން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ މާރޗް މހުގެ 6 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 15 އާއި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 5 އާއި ދެމެދު އިންތިޚާބު ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ނުދޭނަމަ އިންތިޚާބު ބޭއްވުމަށް ކަނޑައެޅި ތާރީޚުގައި ނުބޭއްވިދާނެކަމަށް އީސީގެ ރައީސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.