ބިދޭސީންނާއި ގުޅުންހުރި މައުލޫމާތު ޑިލީޓް ކުރި ސަބަބު ތަހުގީގު ކުރަނީ

ބިދޭސީންނާއި ގުޅުންހުރި މައުލޫމާތު ޑިލީޓް ކުރި ސަބަބު ތަހުގީގު ކުރަނީ

Author
ހުސެއިން
18 ޑިސެމްބަރ 2023 03:52
0

ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ރިޕޯޓުތުގެ އެކްސް ޕޯޓުތައް ޑިލީޓް ކުރުމަށް އަންގާފައި ނުވާކަމަށް ވިދާޅުވެ، އެކްސް ޕޯޓުތައް ޑިލީޓް ކުރި މައްސަލަ ތަހުގީގު ކުރުމަށް އަންގާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ސައީދު ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ޕޯސްޓު ޑިލީޓް ކޮށްފައިވަނީ އޭނާ އަންގަވައިގެން ނޫންކަމުގައެވެ.

 އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓްވީޓެއް އަޅުގަނޑު އަންގައިގެން ޑިލީޓްކޮށްފައެއް ނުވާނެ. އެކަންކުރި ސަބަބު ތަޙްޤީޤްކުރަން މިހާރުވާނީ އަންގާފައި.

އެކްސްގައި ސައީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުގެ އާންމު ކޮށްފައިވަނީ، މިދިޔަ ނޮވެންބަރު މަހުއެވެ. މިސަރުކާރުން އަލުން ބިދޭސީން ރާއްޖެ އައުން ހުއްދަ ކޮށްފައިވަނީ ގާނޫނާޚިލާފަށް ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު ވިދާޅުވުމާއެކު، ރިޕޯޓުތައް ޝާއިއުކޮށްފަހުރި އެކްސް ޕޯސްޓްތައް ވަނީ ޑިލީޓް ކޮށްފައެވެ.

ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުން، އެއް ގައުމަކުން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އެންމެ ގިނައިން މީހުން ގެނެވޭ އަދަދަކީ އެއްލައްކަ މީހުންނެވެ. ރާއްޖޭގައި މިވަގުތު ވެސް 139,220 ބަންގްލަދޭޝް މީހުން މަސައްކަތް ކުރަމުން ދެއެވެ.

ފައްޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، މިބަދަލު ގެނެސްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، މި ބަދަލު ގެނައުމުގެ ކުރިން ވަޒީފާއާބެހޭ ގާނޫނަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.

ބަންގްލަދޭޝުން ރާއްޖެއަށް ލޭބަރުން ގެނައުމަށް ހުއްދަ ދޭން ފެށުމުން، އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށް ވެސް މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސްކޮށްދޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޭރުގެ ސަރުކާރުން 2019 ވަނަ އަހަރުއެވެ. އޭރުގެ ސަރުކާރުން ކަނޑައެޅީ ކޮންމެ ޤައުމަކުންވެސް ރައްޖެގެނެވޭނީ 150،000 މީހުންކަމަށެވެ. އެޢަދަދަށްބާލައިރު ބަންގްލަދޭޝަންގެ ލޭބަރުންގެ ޢަދަދު ހަމަވާކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވެއެވެ.

ފައްޔާޒް އޭރު ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގެ 144،607 މީހަކު ރާއްޖެ އެތެރެވެ، އޭގެ ތެރެއިން 63،000 އަށްވުރެ ގިނަމީހުން ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަކަމަށެވެ.

ހޯމްލޭންޑު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ބަނގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެެވެ. އަދި އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށާއި، ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދެމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.