ތާރީޚުން ލިބިގަންނަންވީ ފިލާވަޅަކީ އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދު: ރައީސް

ތާރީޚުން ލިބިގަންނަންވީ ފިލާވަޅަކީ އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދު: ރައީސް

ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް ކަމަށާއި، އެއީ އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމުގެ ފިލާވަޅު ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްދަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުރަވީ ދުވަސް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށާއި، އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް ކަމުގައެވެ.

ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށް ޓަކައި އިސްވެ ޙަރަކާތްތެރިވާ، މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް.

ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ހުރަވީ ދުވަހަކީ މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ އަދި މުހިންމު ޢިބްރަތްތަކެއް ޙާޞިލުކޮށްދޭ ދުވަހެއްކަމުގައި ވިދާޅުވެފައެވެ. އަދި، ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް އަލިއަޅުއްވާލަައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާދިސާއިން ފެންނަ އަލިފަރާތަކީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަން ކަމަށާއި، ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމުގައެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ ދޮންބަންޑާރައިންގެ ތެދުވެރިކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ޤައުމު ދެކެ ވެވަޑައިގެންނެވި ލޯބީގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ޤައުމިއްޔަތުގެ ނާރެސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައިވާ ކަމަށާއި، ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމުގައި އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *