ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ބަހްރެއިންގެ ގައުމީ އެއަރލައިން، ގަލްފް އެއަރ އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފިއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލާފައި އޮތް ގަލްފް އެއަރގެ ފްލައިޓެއް މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

ގަލްފް އެއަރ އިން ބުނީ އެ އެއަރލައިނުން ރާއްޖެއަސް ކުރާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ އެވެ. އެހެންކަމުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި އެއަރލައިންގެ ބޮއިންގ 787-9 ޑްރީމްލައިނަރ ބޭނުންކުރުމަށް ނިންމާފައިވާ ކަމަށްވެސް ގަލްފް އެއަރ އިން މީގެ ކުރިން ވަނީ ބުނެފައެވެ. މިއީ ގާތްގަނޑަކަށް 250 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ.

އެ އެއަރ ލައިނުން ހަފްތާއަކު 2 ދަތުރު ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރާނެއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހު ރާއްޖެއަށް ފުރަތަމަ ދަތުރުފެށި ގަލްފް އެއަރ އިން އޭރު ރާއްޖެއަށް ހަފްތާއަކު 5 ދަތުރު ކުރިއެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަދުވަހު ހުޅުވާލުމުން ފުރަތަމަކޮޅު ރާއްޖެއައި މީހުންގެ އަދަދު ދަށްކޮށް ފެނުނު ނަމަވެސް މިހާރު ގާތްގަނޑަކަށް ދުވާލަކު 2000އާއި 3000އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން އެކަނި، ރާއްޖެ އާދެއެވެ. ރާއްޖެ އަންނަ ފަތުރުވެރިން އިތުރެވެފައި މިވަނީ ރާއްޖެއަކީ މިފަދަ ވަގުތެއްގައި އެންމެ ރައްކާތެރި ކަމާއެކު ޗުއްޓީ ހޭދަކޮށްލެވޭނެ މަންޒިލް ކަމަށް ވުމުންނެވެ.

ރާއްޖެ އަންނަން ބޭނުންވާ މީހުން އިތުރު ވީވަރަކަށް އެއަރލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރުތައްވެސް އިތުރުކުރަމުން ދާއިރު، ރާއްޖެއަށް މިހާރު ދަތުރުކުރާ އެއަރ ލައިންތަކުގެ އަދަދު މިވަނީ ގަލްފް އެއަރ އާއިއެކު 20 އަށް އަރާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އިތުރު 7 އެއަރ ލައިނަކުން ދަތުރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ. މިއާއެކު މިއަހަރު ނިމޭއިރ ރާއްޖެއަށް 27 އެއަރ ލައިނަކުން ދަތުރު ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *