ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުމަށް ރައްޔިތުންގެ މަޖިލިހުގައި އަމަލު ކުރުމަށް މަޖިލިސް ގަވާއިދުގައި އެކަށައަޅާފައިވާ އުސޫލުތަކަށް ލުއިގެނެސް، އެކަމާއި ގުޅުހުރި މާއްދާތައް އިސްލާހުކޮށް ކުރުމަށް އިސްލާހު ހުށަހެޅުއްވީ ރައީސް މުއިއްޒު އަޒުލްކުރުމުގެ އެއްވެސް ވިސްނުމެއް އޮވެގެން ނޫންކަމުގައި، އިސްލާހު ހުށަހެޅުއްވި ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަލީ އާޒިމް ވިދާޅުވެފައިވަނީ، ގާނޫނު އަސާސީއަށްވެސް އަދި މަޖިލިސް ގަވާއިދަށްވެސް ގިނަ އިސްލާހުތަކެއް ގެންނަން ޖެހިފައިވާކަމަށާއި، މިވަގުތަށް މުހިންމު އިސްލާހުތައް ގެނައުމަކީ އޭނާ ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ވިސްނުމެއް ކަމުގައެވެ.
އޭނާ ވިދާޅުވީ ގައުމުގެ ރައީސްއާއި ނާއިބު ރައީސް ވަކި ކުރުމުގެ ޕްރޮސެސްގެ ދިގުކަމާއި އުދަގޫކަމުގެ ވާހަކައަކީ ވަރަށްކުރިއްސުރެވެސް ދައްކަމުން އައި ވާހަކައެއް ކަމަށާއި، މަޖިލިހުގެ ގަވާއިދަށް ވަރަށް ގިނަ އިސްލާހުތައް ގެންނާން ޖެހިފައިވާއިރު، މި އިސްލާހު މިގެނެވުނު ވަގު ނުބައި ވަގުތަކާ ދިމާވީ ކަމުގައެވެ.
ރައީސްއާއި ނާއިބު ރައީސް ވަކި ކުރުމުގެ ޕްރޮސެސް ފަސޭހަކުރުމަށް އަލީ އާޒިމް އިސްލާހު ހުށަހެޅުއްވި އޭނާ ކުރިންވަނީ، ރައީސް ސާލިހު ރިޔާސީ އިންތިޚާބުން ވަކިކުރުމަށް ފަހު، ރިޔާސީ އިންތިޚާބު ނިމިދިއުމާއެކު ދެން ކުރާން އޮތް މަސައްކަތަކީ ޑރ. މުއިއްޒު ވެރިކަމުން ބޭލުމުގެ މަސައްކަތްކަމަށް ވިދާޅުވެފައެވެ،.
މި އޮތް ގޮތަކީ އަޅުގަނޑު ދެކޭ ގޮތުގައި މި އަންނަ އިންތިޚާބުގައި [ދެވަނަ ބުރުގައި] އިބްރާހިމް މުޙައްމަދު ޞާލިހު ދެރަކުރުން ދެވަނަ ބުރުގައި. ދެރަކުރުން، ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު ވަރަށް އަވަހަށް ވެރިކަމުން ބޭލުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ.
ފާއިތުވި 18 ސެޕްޓެމްބަރުގައި، ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީން ތާއީދު ކުރާނެ ފަރާތެއް ކަޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އަލީ އާޒިމް މިހާރު ވިދާޅުވަނީ އެއީ އޭނާ ސިޔާސީގޮތުން ދެއްކި ވާހަކައެއް ކަމުގައެވެ،
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުމަށް ރައްޔިތުންގެ މަޖިލިހުގައި އަމަލު ކުރުމަށް މަޖިލިސް ގަވާއިދުގައި އެކަށައަޅާފައިވާ އުސޫލުތަކަށް ލުއިގެނައުމަށް އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގައިވަނީ ރައީސްއާއި ނައިބު ރައީސް ވަކި ކުރުމާއި ގުޅުންހުރި މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، ބައެއް ކަންކަމަށް ވަގުތުތަކެއް ކަނޑައަޅާފައެވެ.
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިހާރު ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވާލާ ފާސްކޮށްފައިވާ ގަވާއިދުގެ 41 ވަނަ ބާބުގަ އެވެ.
ރައީސް ނާއިބު ރައީސް މަގާމުން އަޒުލްކުރާ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އަލީ އާޒިމްގެ ހުށަހެޅުން ކޮމިޓީން މިހާރު ވަނީ ފާސްވެސް ކޮށްފަ އެވެ.
މިހާރު ބެލެވޭ ގޮތުގައި މި އިސްލާހު ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވައިގެން ތަޅުމުން ފާސް ކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުމުގެ އުސޫލުތައް ކަނޑައަޅާ އުސޫލުތަކަށް ގެނައުމަށް ކޮމިޓީން ފާސްކޮށްފައިވާ އުސޫލުތަލުގެ ތެރޭގައި، ރައީސް އާއި ނައިބު ރައީސް އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި މައްސަލަ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށްޓަކައި، މުއްދަތުތަކެއްވެސް ވަނީ އެކަށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރައީސްއާއި ނާއިބު ރައީސް ވަކިކުރުމުގެ ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވަން ލާޒިމް ކުރުމުގެ އިތުރުން، ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުމަށް ލާޒިމް ކުރުން ހިމެނެއެވެ.
އޭގެ އިތުތުން އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު ކަމަށް ކަނޑައަޅާ، ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން 30 މިނެޓު ކަނޑައެޅުންވެސް ހިމެނެއެވެ. ހަމަ އެއާއެކު، ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދިއުމުގެ ފުރުސަތު ރައީސް އާއި ނާއިބު ރައީސް ދޭންވެސް އިސްލާހުގައި ވަނީ ފުރުސަތު ދީފައެވެ.
ރައްޔިތުންގެ މަޖިލިހށް ހުށަހަޅާ ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަށެވެ.
7 މެމްބަރުންގެ ކޮމިޓީގެ ޒިންމާއަކީ މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން މަގާމުގައި ހުންނަ ބޭފުޅަކު ވަކިކުރުމަށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާލަތުންކުރެ ހާލަތަކަށް ފެތޭ ބެލުމެވެ. އެގޮތުން މައްސަލައާއި ގުޅުންހުރި ހެކި ލިބެން ހުރިތޯ ކޮމިޓީން ބަލަން ޖެހެއެވެ. މައްސަލަ ދިރާސާކުރާއިރު ވެސް ރައީސް އަށް ނުވަތަ ނައިބު ރައީސްއަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު އޮންނާނެ ކަމަށްވެސް ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައި ވެއެވެ.
ރައީސްއާއި ނާއިބު ރައީސް ވަކި ކުރުމާއި ގުޅޭގޮތުން ގާނޫނު އަސާސީގެ 100 މާއްދާގައި ބުނެފައިވާ ގޮތް:
އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެ އެވެ.
1. އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުން.
2. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުން.
3. ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި މިހާރުވެސް ވާގޮތުން، ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެވެ. ކޮމިޓީން މިމާއްދާއަށް ބަދަލު ގެނެސްފައެއް ނުވެއެވެ.
އެހެންނަމަވެސް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރައީސްއާއި ނާއިބު ރައީސް ވަކިކުރުމުގެ ގަރާރަށް މަޖިލީހުގައި ބަހުސްކޮށް މައްސަލަ ކޮމިޓީއަށް ލިބުމުން، އަމަލުކުރާންޖެހޭނެ ގޮތާއި ރިޕޯޓު މަޖިލީހުގެ ރައީސް އަށް ލިބުމުން އަމަލު ކުރާންޖެހޭނެ ގޮތްތަކަށްވެސް ބަދަލު ގެނެސްފައި ވެއެވެ.
އޭގެ ތެރޭގައި، ފަސް ދުވަސްތެރޭގައި މައްސަލަ ތަހުގީގުކޮށް ރިޕޯޓު މަޖިލީހުގެ ރައީސްއަށް ފޮނުވުން ލާޒިމް ކުރުމުގެ އިތުރުން، މަޖިލީހުގެ ރައީސްއަށް ރިޕޯޓު ލިބޭތާ ދެ ދުވަސްތެރޭގައި ރިޕޯޓާމެދު ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާއެއް ބޭއްވަން ލާޒިމް ކުރުންވެސް ހިމެނެއެވެ.
ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މިހާރު ވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.
One Response
ވީހާވެސް އަވަހަކަށް އަޒުލްކޮށްބޭރުކުރުންމިހާރުވެސް މާބޮޑައްލަސްވެއްޖެނޫ ޖަމީލު ބޭވެސް އެބުނީ އޮޅުވާލާ މަކަރުހަދާގެންނޭ ވެރިކަންފޭރިގަތީ ދިވެހި ރައްޔިތުން ގޮބޯހައްދައިގެން އަދުރޭ އެހެރީ ބޮޑުވަޒީހެދިފާ