ފްލެޓް ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ވާނުވާ ނޭގޭބައެކޭ ބުނަނީ ސަބަބުތަކެއް ހުރީމަ: ޑރ.މުއިއްޒު

ފްލެޓް ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ވާނުވާ ނޭގޭބައެކޭ ބުނަނީ ސަބަބުތަކެއް ހުރީމަ: ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2020 12:09
0

ފްލެޓް ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ޒިންމާދާރުކަމެއްނެތް، ވާނުވާ ނޭގޭ ބައެކޭ މީހުން ބުނެ އުޅެނީ ސަބަބުތަކެއް ހުރުމުންކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި 2500 ފްލެޓާއި އެއްކޮޓަރި ފްލެޓްތައް ވުޖޫދުގައި ނެތްކަމަށް ބުނެ ދައްކަވާފައިވާ ވާހަތަކާއި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާންތަކާއި ދިމާނުވާތީ، އޭރު މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި ފްލެޓްގެ ކަންކަން ބެލެހެއްޓެވި ޑރ.މުއިއްޒު ވިދާޅުވި ފްލެޓްގެ ކަންކަން އޭރުގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް ހުރިހާ ކަމެއް ހިއްސާކުރަމުން ކަމަށެވެ.

މިއަދު ފްލެޓްގެ ކަންކަން ފޮރުވުމަށް ނޫނީ، ބައެއް ފްލެޓްތަކަކީ ވުޖޫދުގައި ނެތް އެއްޗަކަށް ހަދަން އުޅުނަސް އެކަން ނުވާނެކަމަށާއި، ސަރުކާރުގެ ގެޒެޓްގައާއި، އެނޫންވެސް އިއުލާންތަކުގައި މި ލެޔެކިޔުން ފެންނަން ހުންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދިމިއީ ފޮރުވައިގެން ހަގީގަތް އޮޅުވާލެނޭ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވެ ޑރ.މުއިއްޒުވަނީ ފްލެޓް ކޮމިޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފްލެޓް ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ޒިންމާދާރުކަމެއްނެތް، ވާނުވާ ނޭގޭ ބައެކޭ މީހުން ބުނެ އުޅެނީ ސަބަބުތަކެއް ހުރީމަ. ހިޔާ މަޝްރޫޢުގެ އެއްވެސް ނިންމުމެއް އެކަމާއި ގުޅޭ އިއުލާނެއް ނޫނީ ލިޔުމެއް ގެޒެޓްނުކޮށް ކޮށްފައި ނުވާނެކަން އަދިވެސް ތަކުރާރުކޮށްލަން.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ފްލެޓްތަކުގެ އެންމެ ފަހުގެ މަޢޫލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އެކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ވިދާޅުވީ، ހިޔާ މަޝްރޫޢުގައި ހިމެނޭ 2500 ޔުނިޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢުއެއް ނޫންކަމަށާއި، އެމަޝްރޫޢު އުފަންވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 4 ގައިކަމަށެވެ. އެ 2005 މަޝްރޫޢުގެ ފްލެޓް ދޫކުރުމަށް ކުރީ ސަރުކާރުން އިޢުލާނުވެސް ނުކުރާކަމަށާއި، އެމަޝްރޫޢުއަށް ހުޅުޥާލިނަމަ ފްލެޓް ލިބޭ ވަގުތީ ލިސްޓެއްވެސް އޮންނާނެކަމަށް ޠާހާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ލިސްތެއްވެސް ނެތްކަމަށްވެސް ޠާހާ ވިދާޅުވިއެވެ.

ތަހާ މިހެން ވިދާޅުވެފައިވާއިރު 2018 މެއި 6 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީއިން ކޮށްފައިވާ ހިޔާ 2018 މަޝްރޫޢާ ގުޅޭ އިއުލާނުގައި 1 ކޮޓަރީގެ ފްލެޓްތަކަށާއި 2 ކޮޓަރީގެ ފްލެޓްތަކަށް ވަކިން ޖުމްލަ 13 ކެޓަގަރީއަކަށް ހުޅުވާލައި ފޯމާއި މައުލޫމާތު ކަރުދާސް އެޓޭޗްކޮށްފައިވެއެވެ.

ހިޔާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ފަށާފައިވަނީ 7000 ޔުނިޓުގެ ޓަވަރުތަކެކެވެ. އެ ހިޔާ ފްލެޓްތަކުގައި ހިމެނޭ 2500 ފްލެޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢުއެއް ނޫންކަމަށް ޠާހާ ވިދާޅުވެފައިވާއިރު، 2500 ޔުނިޓުގެ މަސައްކަތް ކުރީ ސަރުކާރުންވަނީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ޝާއިރުކޮށްފައެވެ.

އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500 ޔުނިޓްގެ ޑިޒައިނާއި ސްކޯޕަށް 2019 ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހައުސިންގ މިނިސްޓްރީން ކުރިން ބުނެފައިވަނީ ދެކޮޓަރީގެ އެޕާޓްމަންޓްތައް ތިންކޮޓަރިއަށް ބަދަލުކުރުމުން 2500 ޔުނިޓް 1700 ޔުނިޓަށް މަދުވެފައިވާކަމަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.