އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ފާސްކުރާނެ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ފާސްކުރާނެ

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓްގެ ބަހުސް މަރުހަލާ ނިންމާލާ، މިއަދު ބަޖެޓް މަޖިލިހުން ފާސްކުރާނެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަނީ އިއްޔެ ބަޖެޓް ބަހުސް މަޖިލިސް ތަޅުމުގައި ނިންމާލާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާއެކު ކުރިން ހުށަހަޅާފައިވާ ބަޖެޓަށް 3.7 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހުއެވެ. ކުރީ ސަރުކާރުން މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަަރަށް ސަރުކާރުން 2022 ވަނަ އަހަރު ހުށަހެޅި 42.6 ބިލިއަން ރުފިޔާއަށްވުރެވެސް އިތުރު އަދަދެކެވެ.

ރައްޔިތުންގެ މަޖިލިހުގައި ބަޖެޓް ބަހުސަށް ދެދުވަސް ހޭދަކޮށް، އިއްޔެގެ މަޖިލިސް ޖަލްސާގައި ބަޖެޓް ބަހުސް ނިމުނީކަން ހާމަކޮށް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވީ، ބަޖެޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ބަޖެޓް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓްގައި ހިމެނޭ ބައެއް އަދަދުތައް:

  • އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދު: 33.5 ބިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދަށް ހިނގާނެކަަމަށް ލަފާކުރާ އަދަދު: 70.2 އިންސައްތަ ނުވަތަ 34 ބިލިއަން ރުފިޔާ (2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ހަރަދު 7.5 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެވޭ)
  • ކެޕިޓަލް ހަރަދު: ބަޖެޓުގެ 29.8 އިންސައްތަ
  • ޕީއެސްއައިޕީއަށް: 8.6 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.5 އިންސައްތަ ޚަރަދު ކުރުމަށް (މީގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން މިހާރުވެސް ކުރިއަށްދާ ހުރިހާ މަޝްރޫއަކާއި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓުގައި ހިމަނަން ހުށަހެޅުއްވި މަޝްރޫއުތައް ހިމެނޭ)

ކޮމިޓީން ބަޖެޓަށް އިތުރު ކޮށްފައިވާ ބައެއް ބަދަލުތައް:

  • ޖަމާލުއްދީން ސްކޫލްގެ ސްޕެޝަލް ނީޑް ކުލާސް ރޫމަށް ކަނޑައަޅާފައިވާ ތިން ލައްކަ ރުފިޔާގެ ބަޖެޓު ތިން މިލިއަން ރުފިޔާ އަށް އިތުރު ކުރުން
  • މާފުށީ ހެލްތު ސެންޓަރު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް ތިން މިލިއަން ރުފިޔާ އިން 11 މިލިއަން ރުފިޔާ އަށް.
  • މާފުށީ މަގު ހެދުމުގެ މަޝްރޫއު 2.2 މިލިއަން ރުފިޔާ އިން ހަތް މިލިއަން ރުފިޔާ އަށް އިތުރު ކުރުން.
  • އއ. ހިމަންދޫ މަގު ހެދުމުގެ މަޝްރޫއަށް އެއް މިލިއަން ރުފިޔާ އިން ތިން މިލިއަން ރުފިޔާ އަށް އިތުރު ކުރުން.
  • ޅ. ކުރެންދޫ މަގު ހެދުމުގެ މަޝްރުއަށް ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާ ހަތް މިލިއަން ރުފިޔާ އަށް އިތުރު ކުރުން.
  • އއ. މާޅޮހު މަގު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައިވާ ފަސް ލައްކަ ރުފިޔާ 2.5 މިލިއަން ރުފިޔާ އަށް އިތުރު ކުރުން.

ބަޖެޓަށް ގެނައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ މުހިންމު ބޮޑު މަޝްރޫއެއް ކަމަށްވާ، ފުށިދިއްގަރުފަޅު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރުމެވެ. މި ފައިސާ ބަޖެޓުން އުނިކޮށްފައިވަނީ މިފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ބުނެއެވެ.

އަދި މި 400 މިލިއަން ރުފިޔާ ވަނީ އެހެން ޕްރޮޖެޓްތަކަށް ބަހާލަފައެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނި ކުރިނަމަވެސް، ގުޅީފަޅާއި ހުޅުމާލެ އާއި ގިރާވަރުފަޅު ހިއްކުމަށް އިތުރު 400 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުގައި ހިމަނާފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އެ މަޝްރޫއަށް އެކަށައެޅި ފައިސާ އުނިކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކެނޑައެޅި ބަޖެޓް ކުޑަކުރުމަށް ދާންދޫ ދާއިރާގެ މެމްބަރުން ޔައުގޫބު ހުށަހެޅު ހުށަހެޅުން ވޯޓުން ފާސްވެގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *