ކުރީ ސަރުކާރާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތައް ބަލަން ޕަބްލިކް އިންކުއަރީއެއް ހަދަން ފާސްކޮށްފި

ކުރީ ސަރުކާރާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތައް ބަލަން ޕަބްލިކް އިންކުއަރީއެއް ހަދަން ފާސްކޮށްފި

ނިމިދިޔަ، ރައީސް ސާލިހުގެ ސަރުކާރާ ގުޅޭގޮތުން ކުރެވުނު އެކިއެކި ބޮޑެތި ތުހުމަތުތައް ބެލުމަށްފަހު އެކަންކަމާއި ގުޅޭ ހަގީތްތައް ރައްޔިތުންނަށް ހާމަކޮށް ދިނުމަށް، ޕަބްލިކް އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ކުރީ ސަރުކާރުގެ މައްޗަށް މިސަރުކާރުގެ އިސްވެރިން ކޮށްފައިވާ ތުހުމަތުތަކާއި ގުޅޭ ޕަބްލިކް އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްމުޣުނީއެވެ.

މި ގަރާރު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ 53 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 97 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މިމައްސަލަ މިއަދުވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުވަން ނިންމާފައެވެ.

މި ޤަރާރުގައި ބުނެފައިވަނީ، ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރު ކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރަމުންދާ ކަމުގައެވެ. އެހެންކަމުން ރައްޔިތުންނަށް އެކަންތައްތަކުގެ ތެދު ދޮގު ހާމަކުރުމާއި ރާއްޖޭގެ ހަމަޖެހުމަށާއި މަސްލަހަތު ހިމާޔަތްކުރުމަށް މިއީ މުހިންމު ޤަރާރެއް ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

މިހާރުގެ ސަރުކާރުގެ އިސްވެރިން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މަސައްކަތް ކުރިއިރު، ރައީސ ސާލިހުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަން ވިއްކާލާފައިވާކަމަށާއި، އިންޑިއާއެކީ ސިއްރު އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާކަމަށް ބުނެ މުޒާހިރާ ކޮށްފައި ވެއެވެ. އަދި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އިންޑިއާ ސިފައިން ބޭލުމަށްވެސް ބޮޑެތި މުޒާހިރާތައް ކޮށްފައި ވެއެވެ.

އެހެންނަމަވެސް މިހާތަނަށް އައިއިރު އިންޑިއާއާއެކީ ކޮށްފައިވާކަމަށް ބުނާ އެއްބަސްވުންތައް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ރާއްޖޭގަ ތިބި އިންޑިއާ ސިފައިންގެ އަަދަދުވެސް ސަރުކާރަށް މުޅިން ސާފުވެފައެއް ނުވެއެވެ.

މިމައްސަލަތަކާގުޅޭ ޕަބްލިކް އިންކުއަރީއެއް ހަދަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ފާސްކޮށްފައިވަނީ އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *