ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ފޯމް ހުށަހަޅުއްވައިފިއެވެ.
ޕްރައިމަރީއަށް ކުމަތިލެއްވުމަށް ފޯމު ހުށަހެޅުއްވުމަށް ފަހު ދުންޔާ "އެކްސް" ގައި ވިދާޅުވީ އޭނާއަށް ވީ އެންމެ ރަނގަޅަކަށް ހުޅުމާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަކީ އޭނާގެ އިހްލާސްތެރި އެދުން ކަމަށެވެ.
"ތިޔަ ބޭފުޅުން އެދޭ ފުދުންތެރިކަމާއި ތަރައްގީ ގެނެސްދިނުމަށްޓަކައި މި ސަރުކާރާ އެކު ވަކާލާތު ކުރުމުގައި އަޅުގަނޑު ދެމި ހުންނާނަން. މި މަސައްކަތުގައި އަޅުގަނޑަށް އިތުބާރު ކުރައްވައި ދާއިރާގެ ރައްޔިތުންގެ މަދަދާއި ތާއީދަށް އެދެން،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ހަމަ އެ ވެރިކަމުގައި ދުންޔާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވައިފައެވެ.
ދުންޔާގެ ސިޔާސީ ހަޔާތް ފެއްޓެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އެ ޕާޓީގައި މަސައްކަތް ކުރެއްވުމަށް ފަހު ދެން ގުޅިވަޑައިގަތީ ޕީޕީއެމާއެވެ. ޕީޕީއެމުން ވަކިވެވަޑައިގެން، ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އާ ގުޅިވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީއަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ދުންޔާ ވަނީ ދެ ވަނަ ބުރުގެ ކެމްޕޭނުގެ ތެރޭގައި ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6:00 އަށް ހަމަވާނެއެވެ.
ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓުން ނިންމާފައި ވަނީ، ޕްރައިމަރީގައި ވާދަ ކުރެވޭނީ މި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޕީޕީއެމް-ޕީއެންސީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށެވެ. އަދި އެ ޕްރައިމަރީގައި ވޯޓުލެވޭނީ ވެސް އެ ދުވަހުގެ ނިޔަލަށް ދަފްތަރުގައި ތިބި މެންބަރުންނަށެވެ. އޭގެ އިތުރަށް ޕްރައިމަރީގައި ވާދަ ކުރާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކެއް ވަނީ ކަނޑައަޅައިފައެވެ.