ކޯވީޑާއި ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ހާލަތުން އަރައިގަތުމަށްކަމަށް ބުނެ ކުރީ ސަރުކާރުގައި، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފައިސާ ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދިން ހުއްދައިގެމުއްދަތު އިތުރުކުރަން ބޭނުން ނުވާކަމަށް މިހާރުގެ ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.
ކޯވިޑުން ކުރިމަތިވި އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ކުރީ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކުރި ކުރުން އަންނަ މަހުން ފެށިގެން ނިމުމަކަށް ގެންނަން ބޭނުންފުޅުވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އަށް އަމަލު ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިސްތިސްނާކޮށްފައިވަނީ ކުރީ ސަރުކާރުގެ މުއްދަތުގެ ތެރޭގައެވެ. އެގޮތުން ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ދީފައިވެއެވެ.
އެވަގުތީ ހުއްދައިގެ ދަށުން އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެއެވެ.
މިހާރުގެ ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ އްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވެފައިވާތީ، އެ ގާނޫނު ސަސްޕެންޑުކޮށްފައި ބާއްވާނެ ހާލަތެއް މިހާރު ނެތްކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ކަމާގުޅޭ މާއްދާތައް ސަސްޕެންޑުކޮށްފައި އޮތުން އަންނަ އަހަރުން ފެށިގެން ނިމުމަކަށް ގެނެސްދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއިރަޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް މައުލޫމާތަށްޓަކައި ދެންނެވީމެވެ.
– ފިނޭންސް މިނިސްޓަރުގެ ސިޓީފުޅުގައިވެއެވެ.
މިހާތަނަށް ޗާޕުކޮށްފައިވާ އަދަދުގެ ތެރެއިން 4.2 ބިލިއަން ރުފިޔާ މިހާރު ވެސް ވަނީ ދިގު މުއްދަތުން ފައިސާ ދައްކަން ޖެހޭ ބޮންޑަކަށް ބަދަލުކޮށްފައެވެ.