މިފްކޯގެ މަސް ގަންނަ މޯބައިލް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ގެނައުމަށް ޕްލޭންކޮށްފައިވާ މަސްކިރާ ބޯޓްތަކުގެ ތެރެއިން 2 ބޯޓެއްގެ މަސައްކަތް ނިންމައި ކުރިއަށް އޮތް މަސްދުވަސް ތެރޭ މަސައްކަތަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނިމިގެން ދިޔަ ދައުރުގެ ތެރޭގައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްގެ ކަރުދާހު މަސައްކަތް ކުރެވިފައި ވިނަމަވެސް، ޢަމަލީ މަސައްކަތްތަކަށް ހަލުވިކަން އަންނަން ޖެހޭ ކަމަށެވެ. އެގޮތުން، އެ ކަމަށްޓަކައި ނުފެށި ހުރި މަސައްކަތްތައް ރިވިއުކޮށް އަލުން ފެށުމާއި ފަށާފައި ހުރި މަސައްކަތްތައް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމާލުމަކީ ކުރިއަށް އޮތް އަހަރަށް ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައެވެ.
މީގެ އިތުރަށް މިފްކޯގެ މަސް ގަންނަ މޯބައިލް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ގެނައުމަށް ޕްލޭންކޮށްފައިވާ މަސްކިރާ ބޯޓްތަކުގެ ތެރެއިން 2 ބޯޓެއްގެ މަސައްކަތް ނިންމައި ކުރިއަށް އޮތް މަސްދުވަސް ތެރޭ މަސައްކަތަށް ނެރުމަށް މިދަނީ މަސައްކަތްކުރަމުން.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރީންނަށް އޮތް އުފާވެރި އަނެއް ޚަބަރަކީ މިފްކޯގެ ފެސިލިޓީތައް ތަރައްޤީކުރުމަށް މިހާރު ފެށިފައި ހުރި މަސައްކަތްތަކާއި ޕްލޭންކޮށްފައި ހުރި މަޝްރޫޢުތައް ނިމުމުން މިފްކޯގެ ޝޯރ-ބޭސްޑް ފެސިލިޓީތަކުގެ ކެޕޭސިޓީ 2 ގުނައަށް ވުރެ އިތުރުވެގެން ދާނެ ކަމުގެ ޚަބަރު ކަމުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ހުރިހައި މަޝްރޫޢުތައް ރޭވެމުން ތަރުތީބުވަމުން ދާއިރު ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާރުކޭޓު ހޯދުމުގެ މަސައްކަތްވެސް ކުރިޔަށް ދާ ކަމުގައެވެ.
އަޅުގަނޑު ހިތުން މިއީ މިހާތަނަށް އެހާ ބޮޑު އިސްކަމެއް ދެވިގެން މަސައްކަތްކުރެވިފައިވާ ދާއިރާއެއް ނޫން. އެކަމަކު ދިވެހި މަސްގަންނާނެ އާ ބާޒާރުތައް ހޯދަން ޖެހޭ. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އެކަމަށް ޓަކައި ހަފުތާ 14 – ޕްރޮގްރާމްގައި ހިމަނައިގެން ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން.
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަ ބްރޭޑެއް ތަޢާރަފްކޮށް އެބްރޭންޑް ބޭރުގައުމުތަކުގައި އިސްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމުގައެވެ. އަދި މިއީ، ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެން ދާނެ ފުރުޞަތެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ޚާއްޞަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.