ލިވަރު ކާރުހާނާ އިތުރަށް ތަރައްޤީކުރުމަށް މިހާރު ކުރެވޭ މަސައްކަތުގެ ތެރޭގައި އިތުރު 100 މެޓްރިކްޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިފްކޯއިން އަގުއެއްކުރެވިގެން އެކްސްޕޯޓްކުރާ ދަޅުމަހުގެ ބާވަތްތަކުގެ މިންވަރު އިތުރުކުރުމަށް އޮތް ފުރުޞަތަކަށް ވެގެންދާނެ ކަމުގައެވެ.
ރައީސްގެ ވާހަލަފުޅުގައި ވިދާޅުވީ ދިވެހި ކަޅުބިލަ މަހުގެ %65 ބޭރު ކުރެވެނީ ގަނޑުކުރި މަހުގެ ގޮތުގައި ބޭރުގެ ކެނެރީތަކަށް ކަމުގައެވެ. މި ގޮތަށް ކަންތައް އޮތުމުން ތިމާވެށްޓާ ރަޙްމަތްތެރިކޮށް ދިވެހި މަސްވެރީން ބާނާ މަހުގެ ބޮޑު ފައިދާއެއް ނާޖާއިޒު ގޮތުގައި ނަގަނީ ތައިޔޫނިއަން ފަދަ މަސް ޕްރޮސެސްކުރާ ބޭރުގެ ކުންފުނިތަކުންކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑު ބޭނުންވަނީ އެ ފައިދާ ޖާއިޒު ގޮތުގައި ދިވެހި މަސްވެރީންނަށް ލިބޭނެ ގޮތަކަށް މި ނިޒާމު ބަދަލުކުރަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ކުރާނަން. އެ ކަމަށް ޓަކައި ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މިދާއިރާއިން އިންވެސްޓްކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދެވޭނެ. އަދި މިނޫންވެސް މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައިދޭން ޖެހޭ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިގެން ދިޔަ ދައުރުގެ ތެރޭގައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްގެ ކަރުދާހު މަސައްކަތް ކުރެވިފައި ވިނަމަވެސް، ޢަމަލީ މަސައްކަތްތަކަށް ހަލުވިކަން އަންނަން ޖެހޭ ކަމަށެވެ. އެގޮތުން، އެ ކަމަށް ޓަކައި ނުފެށި ހުރި މަސައްކަތްތައް ރިވިއުކޮށް އަލުން ފެށުމާއި ފަށާފައި ހުރި މަސައްކަތްތައް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމާލުމަކީ ކުރިއަށް އޮތް އަހަރަށް ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އިތުރަށް މިފްކޯގެ މަސް ގަންނަ މޯބައިލް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ގެނައުމަށް ޕްލޭންކޮށްފައިވާ މަސްކިރާ ބޯޓްތަކުގެ ތެރެއިން 2 ބޯޓެއްގެ މަސައްކަތް ނިންމައި ކުރިއަށް އޮތް މަސްދުވަސް ތެރޭ މަސައްކަތަށް ނެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ޚާއްޞަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.