މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލަން ނިންމައިފި

މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލަން ނިންމައިފި

Author
ހުސެއިން
10 ޑިސެމްބަރ 2023 05:15
0

ދިވެހި މަސްވެރިންގެ މައުލޫމާތު ހިމެނޭ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ނިންމާފައިވަނީ މިއަދު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ މިހާތަނަށް މަސްވެރިކަމުގެ އިންޑަސްޓްރީއަކީ ޕްރޮފެޝަނަލް އިންޑަސްޓްރީއެއްގެ ގޮތުގައި ބަލައިގެންފައި ނުވާކަމުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިން ފައިނޭންސް ހޯދުމަށް ދަތިތަކެއް ކުރިމަތިވެގެންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަސްމީ ދަފްތަރެއްގެ ހިޔާވަހިކަން ލިބިގެން ދާނީ ހަމައެކަނި ކަނޑު މަސްވެރިކަމަށް ނޫން ކަމަށާއި، ދަފްތަރުގެ ބައިވެރިންނަށް ކަންނެލި މަސްވެރިކަމާއި، ފަރު މަސްވެރިކަމާއި ސްޕޯޓު މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅޭ މީނުންވެސް ވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމުން ޒުވާނުން މަސްވެރިކަމުގައި އުޅޭ މިންވަރު ފުޅާވެގެން ދާނެކަމުގައެވެ.

އޭނާ ވިދާޅުވީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ ކުރިޔަށް ގެންދަމުންކަމަށާއި، ދަފްތަރުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްދާނީ ސިނާއަތުގެ އެކި ފަރާތްތަކުގެ މަޝްވަރާގެމަތިން ކަމުގައެވެ.

މަސްވެރިން ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހަފްތާ 14ގައިވެސް ހިމެނިފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.