ތެލަސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެގޮތަށް ނިންމެވީ މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައެވެ.
ރައީސް އޮފީހުގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ ތެލަސީމިއާ ހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭނެގޮތަށްކަމަށާއި، ތެލަސީމިއާ ގުޅޭ ގިނަ ފަރުވާތައް ލިބޭނެކަމަށެވެ. އަދި ތެލިސީމިއާއަށ ފަރުވާ ހޯދާ ކުދިންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ތެލެސީމިއާ ބަލި ވާރުތަ ވޭތޯ ބެލުމަށް ޑީއެންއޭ ޓެސްޓު ހެދުމަށް ޖެހޭ ގިނަ ފަރާތްތަކަކުން މި ހިދުމަތް އާސަންދައިގެ ދަށުން ހެދެން ނެތުމުން ފަސްޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް ތެލެސީމިއާ ބަލި ވާރުތަ ވޭތޯ ބެލުމަށް ހަދަން ޖެހޭ ޑީއެންއޭ ޓެސްޓު އާސަންދަ ނިޒާމް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހުރިއްޔާ ނިންމާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ތެލިސީމިއާ އަށް ފަރުވާ ހޯދާ ފަރާތްތަކުން ހަދަން ޖެހޭ ޓީ2 ސްޓާ ޓެސްޓުވެސް އާސަންދައިގެ ނިޒާމްގެ ތެރެއިން ހެދޭނެ ފައްސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ބޯން މެރޯ ޓްރާންސްޕްލާންޓުގެ ޙިދުމަތް ދިނުމާއި ގުޅޭގޮތުން ވާހަަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ކުރިއަށް އޮތް އަހަރުތެރޭގައި 5 ކުއްޖަކަށް ދައުލަތުގެ ޚަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓު ހެދުމަށްވާން ޖެހޭ ތައްޔާރީތައްވަމުންދާކަމަށެވެ. އޭގެތެރެއިން އެއް ކުއްޖަކު ވަރަށް އަވަހަށް މި ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާނެ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
މިވަގުތު ބޯން މެރޯ ޓްރާންސްޕްލާންޓު ހެދުމަށް އެދިފައިވާ ހުރިހާ ކުދިންވެސް މި ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ބޯން މެރޯ ހެދުމަށް 40 ކުދިން އެބަތިބި، މީގެތެރެއިން އެކަމަށް މެޑިކަލީ ކޮލިފައިވާނެ ކަމަށް ބެލެވެނީ 35 ވަރަކަށް ކުދިން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލިސީމިއާއަށް ފަރުވާ ހޯދާ ފަރާތްތައް ގިނަ ގައުމެކެވެ. އަދި އަހަރުން އަހަރަށް މި އަދަދު އިތުރުވަމުން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ ތެލެސީމިއާ އާއި ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް އިތުރުކޮށް، މި ބަލި ރާއްޖެއިން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ހާމަކުރެއެވެ.
ތެލިސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގައި ތެލިސީމިއާއަށް ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.