ސަރުކާރިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ތަރުތީބުން ފޯރުކޮށްދޭ ވެއިޓިން ލިސްޓެއް އެކުލަވާލުމަށް ނިންމާފައިވާކަން ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ހާމަ ކުރައްވައިފިއެވެ.
ހައުސިން މިނިސްޓަރ އެކަން ހާމަކުރައްވާފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
މި ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ރައްޔިތުންނަށް ދިރިއުޅޭނެ ފަހި މާހައުލެއް ގާއިމުކޮށް އެ ތަނެއްގައި ރައްޔިތުން އާބާދުކުރުން ކަމުގައެވެ.
އެގޮތުން، މިނިސްޓަރު ވިދާޅުވީ ކޮންމެ ފަހަރަކު ލިސްޓެއް އެކުލަވާލާ އެލިސްޓުގެ ތެރެއިން މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައި ތިބި މީހުން ބަލާ، އެބަޔަކަށް ތަރުތީބުން ބޯހިޔާވަހިކަން ލިބޭނެގޮތަށް ކަންކަން ހަމަޖެހިގެން ދިއުން މުހިންމު ކަމުގައެވެ.
އޭރަކުން ނުޖެހޭނެ ކޮންމެހެން މަޝްރޫއެއް ހަދައި ނިންމައިފައި ޕޯޓަލެއް ހަދައިގެން އެ ޕޯޓަލަކުން އެޕްލައި ކުރާކަށް.
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޕޯޓަލްއަކުން މާކްސްލިބޭނެ ގޮތަށް ބޭއްވުމުގެ ބަދަލުގައި މި ސަރުކާރުން ތައްޔާރު ކުރާނީ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް ކަމުގައެވެ. އަދި އެއީ އެ ލިސްޓުގައި ތިބޭ މީހުންގެ ހާލަތަށް އަންނަ ބަދަލާއެކު ބަދަލުވަމުންދާނެ ލިސްޓެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެއީ މި ސަރުކާރުގެ ވިސްނުމަކީ. އޭގެ ތަފްސީލް ހާމަކުރަމުން ދާނަން ޑިވެލޮޕްވި ވަރަކަށް.
އެ ލިސްޓުގެ އިތުރު ތަފްސީލު ފަހުން ހާމަކުރައްވާނެކަމަށް ވިދާޅުވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ކޮންމެ ސަރުކާރަކުންވެސް ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެގެން ގޮސްފައިވަނީ ޝަކުވާތަކާއި މައްސަލަތައް ބޮޑު މަޝްރޫޢުތަކެއް ކަމުގައެވެ.
މިގޮތުން މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުން އާންމު ކުރި ލިސްޓަށް މިހާތަނަށް 7،000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމުގައެވެ.
ކޮމެންޓު ފޮނުވާ