އައްޑޫ ސިޓީ، ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ. އެގެ ތެރެއިން އެކަކީ 23 އަހަރު ޒުވާނެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އައްޑޫ ސިޓީ، ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުން ކުރިން ހައްޔަރު ކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ މާރާމާރީގައި، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރުވަނީ މާލެ ގެނެސްފައެވެ.
މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށް އިއްޔެ ވެސް ހިތަދޫގައި މާރާމާރީއެއް ހިންގިއެވެ. އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ 20 އަހަރުގެ ފިރިހެނެކެވެ. ގްރޫޕަކުން އެ ޒުވާނާ އަށް ހަމަލާ ދީފައި ވަނީ ހިތަދޫގެ ގެއެއްގައި ހުއްޓައެވެ.
އައްޑޫގެ އިތުރުން މާލޭގައި ވެސް މި ދުވަސްކޮޅު މާރާމާރީތައް ވަނީ އިތުރުވެފައެވެ.
މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ