ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މައްސަލައެއް ބަލައި ދިނުމަށް އެދި ހުށަހަޅަން ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވިދާޅުވީ ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
މަޖިލިހުގެ ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވީ ޖާބިރުގެ އިތުރުން ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމެވެ. އޭގެ ކުރިން އިއްޔެ ހަވީރު ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ސިއްރު ވޯޓަކުން ސަލީމް މަޖިލިހުގެ ނައިބު ރައީސް ކަމަށް ގެންނަން އޮތީ ކަނޑައަޅައިފައެވެ.
ސަލީމަށް ވޯޓު ދިނުމަށް އެމްޑީޕީން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް ޖާބިރުގެ ނަން ހުށަހެޅުއްވީ ޝިޔާނެވެ. ޝިޔާންގެ ނިންމުމަށް ތާއީދު ކުރެއްވެވީ ގައްދޫ ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަހުމަދު ޒާހިރެވެ. ޖާބިރުގެ ނަން ހުށަހެޅުމާ ގުޅިގެން އެ ނަމަށް އޭނާ އިއުތިރާޒް ކުރައްވާފައެއް ނުވެއެވެ.
ރޭ ނެގި ވޯޓުން ސަލީމް ކާމިޔާބުކުރެއްވީ 51 މެމްބަރުންގެ ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.