އިއްޔެ ބޭއްވިގެންދިޔަ، ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލަން ކުރުން ލަސްވެގެން އެޕާޓީގެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިއްޔެ ބޭއްވިގެންދިޔަ ޑިމޮކްރެޓްސް ޕާޓީއަކީ އެޕާޓީ އުފެދެނުފަހުން ބޭއްވުނު، އެތެރޭގެ ފުރަތަމަ އިންތިޚާބެވެ.
އިއްޔެ ބޭއްވުނު މި އިންތިޚާބުގައި އެ ޕާޓީގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 23 މަގާމަކަށްވެސް މިއަދު މެމްބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބު ބޭއްވިފައިވަނީ އިއްޔެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
ޑިމޮކްރެޓްސްއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެޕާޓީގެ މެމްބަރުންގެ އަދަދު އެންމެ 5 ހާހަށްވުރެ ދަށް ކަމަށާއި، އަދި އިންތިޚާބަށް ގިނަގުނަ ތައްޔާރީތައް ވެފައިވާއިރު ވަގުތީ ނަތީޖާ މިއަދަށް ލަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައެވެ.
މިރޭ ވަގުތީ ނަތީޖާ ހާމަ ކުރަން ޖެހޭ. ލަސްވަންޏާ ލަސްވާ ސަބަބު ޕާރޓީން ހާމަކުރަން ޖެހޭ @TheDemocratsMV
— Luke (@lucasjalyl) December 2, 2023
މި އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށް ވާދަކުރި، އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފުވަނީ، ވަގުތީ ނަތީޖާ އިއުލާން ނުކުރަނީ އޭނާ އިންތިޚާބުގައި ކުރީގައި އުޅޭކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކުންވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަމަށް ބުނެ އޭނާއަށް މަރުހަވާ ކިޔާފައެވެ.
ހަސަން ލަތީފުއާއި ވާދަކުރި ހުސެއިން އަމްރު ވިދާޅުވެފައިވަނީ އޭނާގެ ޓީމުން ތިބީ އިންތިޚާބުގެ ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބު އިއުލާން ނުކުރާން ކަމަށެވެ.
ރާއްޖޭގައި ބޭއްވޭ ބޮޑެތި އިންތިޚާބުތަކުވެސް ވަގުތީ ނަތީޖާ ވޯޓުލާ ދުވަހުގެ ރޭ އެންމެ ލަސްވެގެން އިއުލާން ކުރާއިރު، އަލަށް އުފެއްދި ކުޑަ ޕާޓީއެއްގެ އެތޭރެގައި ބޭއްވުނު ކުޑަ އިންތިޚާބެއްގެ ނަތީޖާ އެއްދުވަސް ލަސްވެގެންދާ ސަބަބައެއް އަދި އެނގިފައެއް ނުވެއެވެ.
ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ މިއިންތިޚާބުގައި އެޕާޓީގެ 1043 މަގާމަކަށް މެމްބަރުން އިންތިޚާބު ކުރެވޭނެ ކަމުގައެވެ.
މިއިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ވާދަކުރަމުންދަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރުއާއި އެޕާޓީގެ ވަގުތީ ޗެއަރޕާރސަން ހަސަން ލަތީފްއެވެ. މި އިންތިޚާބުގައި ވާދަކުރާ އެޕާޓީގެ މެމްބަރުންވަނީ ރަށްތަކަށް ޒިޔާރަތްކޮށް ފޯރިގަދަ ކެމްޕޭނެއް ކޮށްފައެވެ.
ޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީއާއި ޚިޔާލު ތަފާތުވެ، ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޕާޓީއެކެވެ. އެޕާޓީ އުފައްދާފައިވަނީ ފާއިތުވި ޖުލައިމަހު 12 ވަނަ ދުވަހުއެވެ.
އީސީގެ ދަފްތަރުގައި ވާގޮތުން އޮގަސްޓްމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސް ޕާޓީގައި ތިބީ 3،280 މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ