އަމާޒަކީ މާލެއަކީ ޗާލު، ނަލަ ތަނަކަށް ހަދާދިނުން: އާޒިމް

އަމާޒަކީ މާލެއަކީ ޗާލު، ނަލަ ތަނަކަށް ހަދާދިނުން: އާޒިމް

މާލޭގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރެވިއްޖެނަމަ މާލެއަކީ ޗާލު ނަލަ ތަނަކަށް ހަދާދޭނެ ކަމުގައި، މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް މިއަދު ފޯމު ހުށަހެޅިއްވި، އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ފޯމު އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއާއި ހަވާލު ކުރެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އާމާޒަކީ މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދާދީ، އަދި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މާލެއަކީ ހިތްފަސޭހަތަނަަކަށް ހަދައި ދިނުން ކަމުގައެވެ.

އިރާދަ ކުރެއްވިއްޔާ މިހާރު މަގުތައްމަތީގައި ދަތި ކަންތައްތަކާއި، މަގުތައްމަތީ މިހަރަ މުޑުދާރުވުމާއި ހަޑިވުމާއި، މީހުންނަށް ދިމާވެފައިވާ ހިގާލަން ދަތިވުމާއި، ދެން ވަރަށް ދަތި ތަނެއްގެ ގޮތުގައި މިއޮތީ. އަޅުގަޑު އިރާދަ ކުރެއްވިއްޔާ ރައްޔިތުން އަޅުގަޑު ހޮވާ ދިނީމަ، އަޅުގަޑު އިރާދަކުރެއްވިއްޔާ މިތަނަކީ މީހުން ދިރިއުޅެން، ހިތުން އުޅޭ ތަނަކަށް ހަދާ ދޭނަން. އެއީ އަޅުގަޑުގެ އަމާޒަކީ.

އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާއި މިހާތަނަށްވެސް ހަވާލުކުރި ތަނެއް އަބުރާ ހަވާލުކޮށްފަ ހުންނާނީ ހަވާލުވި އިރަށްވުރެ މާބޮޑަށްވެސް ތަރައްގީ ކުރުމަށް ފަހުގައި ކަމުގައެވެ. އެގޮތުން އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީންވެސް އެ ނަތީޖާ ދައްކާ ދީފައިވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ރައީސް ސާލިހުގެ ވެރިކަމުގެ ކުރީކޮޅު ހުންނެވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުގައެވެ. އެއަށްފަހު އޭނާ ދެން އަދާކުރައްވާފައިވަނީ އެމްޓީސީސީގެ ސީއީއޯކަމުގެ މަގާމެވެ. އާޒިމް ފާހަގަވެގެން ދިޔައީ އެމްޓީސީސީގެ ތާރީޚުގައިވެސް އެންމެ ކާމިޔާބުކޮށް އެކުންފުނި ހިންގެވި ފަރާތުގެ ގޮތުގައެވެ.

އާޒިމްވަނީ ރައީސް ޔާމިންގެ ދައުރުގައި އެސްޓީއޯގެ އެމްޑީގެ މަގާމުވެސް އަދާކުރައްވާފައެވެ.

އާޒިމް މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާއިރު، އެމްޑީޕީގެ އިސް ގިނަ ފަރާތްތަކުން ދަނީ އޭނާއަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

އާޒިމްގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަމަށް ރައީސް ސާލިހުގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފުވެސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި ދެބޭފުޅުން ވާދަކުރައްވާނެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

މާލޭގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުވަނީ ފާޅު ކުރައްވާފައެވެ. އަލަށް އުފައްދާ ރައީސް ޔާމިންގެ ޕީއެންއެފްއިން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.

މޭޔަރުކަމަށް ޝައުގުވެރިވާ އެމްޑީޕީގެ މެމްބަރުންނަށް ފޯމު ހުށަހަޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މާދަމާއާއި ހަމައަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *