ރައީސް ޔާމިން އުފައްދާ ޕީއެންއެފް ޕާޓީ އުފެއްދުމަށް ބޭނުންވާ މެމްބަރުން ހަމަކުރުމަށް އެ ޕާޓީގެ ޓީމެއް މިރޭ ފުވައްމުލަކަށް ދާގޮތަށް ހަމަޖެހިއްޖެއެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހް ޖަމާލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޕާޓީގެ އިސް ވަފްދެއް މިރޭގެ ވަގުތެއްގައި ފުވައްމުލަކަށް ޒިޔާރަތް ކުރާނެ ކަމުގައެވެ. އެހެންވެ، ޕާޓީ އަށް އެންމެ ފުރަތަމަ ވަންނަ މީހުންނަށްވެ، ފޯމް ފުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަލީހް އެދިވަޑައިގެންފައި އެވެ.
ރައީސް ޔާމިންގެ އާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވަނީ އިއްޔެއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވަނީ އީސީގެ ރައީސް ފުޥާދު ތައުފީގުއެވެ. މި ބައްދަލުވުމުގައި އީސީގެ ނާއިބު ރައީސް ހަބީބުގެ އިތުރުން އެހެންބައެއް މެމްބަރުންވެސް ބައިވެރިވެޑައިގެންނެވިއެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ޓީމުގެ މެމްބަންނެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލްއާއި، ކުރީގެ މިނިސްޓަރ މަލީހުއާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ އިތުރުން ޕީޕީއެމްގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައްވެސް ހިމެނެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހެޅުމުންނެވެ. އެއަށްފަހު ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދޫކުރާނެއެވެ. އެއީ މަދުވެގެން ޕާޓީގެ 300 މެމްބަރުން ބައިވެރިވާ ޖަލްސާއަކަށް ވާނަޖެހެއެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެމަނިކުފާނު ވިދާޅުވީ، އެޕާޓީ ދޫކޮށްލެއްވީ ލީޑާޝިޕް އެމަނިކުފާނާ ދުރަށް ވަޑައިގަތުމުންކަމަށެވެ. ނަމަވެސް ޕީޕީއެމް ލީޑާޝިޕު ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން އެބޭފުޅުންނާއި ދުރަށް ވަޑައިގަތީކަމަށެވެ. އަދި ރައީސް ޔާމީންގެ އެ ނިންމެވުންތަކުގެ އިސް ފަރާތަކީ ޑރ. ޖަމީލް ކަމަށެވެ.