އާޒިމް މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވަނީ!

އާޒިމް މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވަނީ!

Author
ހުސެއިން
29 ނޮވެމްބަރ 2023 06:25
0

އެމްޓިސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެހެންނަމަވެސް އާޒިމް މިކަން ޔަގީން ކޮށްދީފައި ނުވިނަމަވެސް، އޭނާގެ ގާތް ބައެއް ފަރާތްތަކުން ވަނީ މިކަން "ޚަބަރު އޮންލައިން" އަށް ޔަގީން ކޮށްދީފައެވެ.

އާޒިމް ރައީސް ސާލިހުގެ ވެރިކަމުގެ ކުރީކޮޅު ހުންނެވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުގައެވެ. އެއަށްފަހު އޭނާ ދެން އަދާކުރައްވާފައިވަނީ އެމްޓީސީސީގެ ސީއީއޯކަމުގެ މަގާމެވެ. އާޒިމް ފާހަގަވެގެން ދިޔައީ އެމްޓީސީސީގެ ތާރީޚުގައިވެސް އެންމެ ކާމިޔާބުކޮށް އެކުންފުނި ހިންގެވި ފަރާތުގެ ގޮތުގައެވެ.

އާޒިމްވަނީ ރައީސް ޔާމިންގެ ދައުރުގައި އެސްޓީއޯގެ އެމްޑީގެ މަގާމުވެސް އަދާކުރައްވާފައެވެ.

އާޒިމް މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަމަށް މައުލުމާތު ލިބިފައިވާއިރު، އެމްޑިޕީގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ ދީދީވަނީ އާޒިމްއަކީ އެމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ވިދާޅުވެ، އާޒިމްއަށް ތާއީދު ކުރައްވާނެކަން ހާމަކޮށް ޓުވީޓު ކުރައްވާފައެވެ.

އާޒިމްގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަމަށް ރައީސް ސާލިހުގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފުވެސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި ދެބޭފުޅުން ވާދަކުރައްވާނެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

މާލޭގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުވަނީ ފާޅު ކުރައްވާފައެވެ. އަލަށް އުފައްދާ ރައީސް ޔާމިންގެ ޕީއެންއެފްއިން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.