އެމްޑީޕީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހު ބޭއްވުމަށް އެޕާޓީން ހަމަޖައްސައިފިއެވެ.
އެމްޑީޕީން ނެރުނު އިއުލާނުގައި ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 02 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ 18:00 ނިޔަލަށް ހުޅުވާލެވިފައިވާކަމަށެވެ.
އެގޮތުން މިއިންތިޚާބުގައި ބައިވެރިވާން ބޭނުންފުޅުވާ އެޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ މެމްބަރުންނަށް ގޫގުލް ފޯމު ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމުން އިންތިޚާބަށް ކުރިމަތިލެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަމުގައި ހުންނެވި މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އިންތިޚާބު ވުމާއި ގުޅިގެން އެޕާޓީން ވަނީ އާ ޕީޖީ ލީޑަރަކުވެސް އިންތިޚާބު ކޮށްފައެވެ. އެޕާޓީގެ ޕީޖީ ލީޑަރަކަށް އިންތިޚާބު ވެފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު ބިގޭ އެވެ.