ހިންދީ ފިލްމު ދަ ޑާޓި ޕިކްޗަރ އާއި އެލްއެސްޑީން ފެނިގެންދިޔަ ބެންގާލީ އެކްޓަރ އަރްޔާ ބަނެރްޖީ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އިއްޔެ އޭނާގެ ހަށިގަނޑު ފެނިފައި ވަނި ދެކުނު ކަލްކަތާގައި އޭނާ ދިރިއުޅުނު ގެއިންނެވެ.
އޭނާގެ އެއްވެސް ޚަބަރެއް ނުވުމާއި ގޭގެ ދޮރު ނުހުޅުވުމުން އޭނާގެ އަވަށްޓެރިންގެ ސަމާލުކަމަށް އެކަން ގެނަނީ އެގޭގެ މަސައްކަތްތައް ކުރުމަށް އެގެއަށްދާ މީހާއެވެ. އޭނާ އަވަށްޓެރިންނަށް އެކަން އެންގުމުން އަވަށްޓެރިން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އަދި މަރުވެފައި އޮތް ހަށިގަނޑު އޭނާ ނިދާކޮޓަރި ތެރެއިން ފެނުނީ، ފުލުހުން އޭނާ ދިރިއުޅޭ ގޭގެ 3 ވަނަ ބުރީގައި ހުންނަ އޭނާގެ އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށްލައިގެން ވަނުމުންނެވެ.
އަރްޔާ މަރުވެފައި އޮތްއިރު ނޭފަތާއި އަނގައިން ލޭވެސް އައިސްފައި ހުރި ކަމަށް ބައެއް މީޑިއާ ރިޕޯޓުތަށް ބުނެއެވެ. ނަމަވެސް މި މަރުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އަދި ފެންނަށް ނެތް ކަމަށާއި އިތުރު ތަފްސީލް އެނގޭނީ ޕޯސްޓް މޯޓަމް ރިޕޯޓަށް ފަހު ކަމަށް ފުލުހުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކުރެއެވެ.
އަރްޔާ އަކީ އިންޑިއާގެ ކްލެސިކް މިއުޒިކް އިންސްޓްރޫމެންޓެއް ކަމަށްވާ ސިތާރު ކުޅުނު މަޝްހޫރު އާޓިސްޓް ނިކިލް ބަނެރްޖީގެ ދަރިއެކެވެ.
އުމުރުން 33 އަހަރުގެ އަރްޔާ އަކީ އެކަނި ދިރިއުޅެމުންއައި މީހެކެވެ.