ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ހުޅުވާލި ފްލެޓުތަކަމެދު ޢަމަލުކުރާނެ ގޮތެއް 20 ދުވަހުގެ ތެރޭގައި އަންގާނެކަމަށް އޭސީސީން ބުނެފައިވާކަމަށް މިސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން ދޫކުރަން ނިންމި ފްލެޓުތަކާއި ގުޅިގެން ގިނަބަޔަު ވަނީ ކަންބޮޑުވުން ފާޅުކޮށް އޭސީސީއަށް މައްސަލަ ހުށައަޅަފައެވެ. ފްލެޓުތަކުގެ މައްސަލާގައި ހަތް ހާހަށްވުރެ ގިނަ ޝަކުވާ އޭރުގެ ހައުސިން މިނިސްޓްރީއަށް ހުށައެޅިއެވެ. އަދި ޢާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އޭސީސީން ވަނީ ފްލެޓުތައް ދޫކުރުން ހުއްޓުވާފައެވެ. އަދި އޭގެ ފަހުން ސަރުކާރު ބަދަލުވީނަމަވެސް އެކަމުގައި އަމަލުކުރާނެ ގޮތެއް އޭސީސީން އަދި އަންގާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޙައިދަރު ވިދާޅުވީ، މައްސަލަ ތަޙުޤީގުކުރުމުގެ ފުރަތަމަ މަރުހަލާ 20 ދުވަހުގެތެރޭގައި ނިމޭނެ ކަމަށެވެ. ނަމަވެސް ނަމަވެސް އެއީ ޖިނާއީ ތަހުޤީގަކަށްވާތީ ގިނަ ދުވަސް ނަގާފާނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އޭސީސީގެ ތަހުގީގަށް ބޭނުންވާތީ ފްލެޓް ޕޯޓަލްގެ ހުރިހާ ފޯމުތަކާ ލިޔުންތަކެއް ފެންނަ ގޮތަށް އޭސީސީއަށް އެކްސެސް ދީފައިވާނެކަމަށެވެ. އެކަންކުރީ އުނިއިތުރު ނުގެނެވޭނެ ގޮތަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލާގައި ޖިނާޢީ ތަހުގީގެއް ކުރާތީ މެންބަރުން ކަންބޮޑުވުން ފާޅުކުރިއެވެ. މިނިސްޓަރ ވިދާޅުވީ، ޖިނާއީ ތަހުޤީގެއް ކުރަންވާނީ ފުލުހުން މެދުވެރިކޮށް ކަމަށާއި، ފުލުހުން މި ތަޙުޤީގުގައި ބައިވެރިކުރުމާއި މެދު ގޮތެއް ނިންމަވާނީ ތަހުޤީގުގެ ފުރަތަމަ މަރުހަލާ ނިމުމުންކަމަށެވެ.
މިނިސްޓަރ ވަނީ އެއްވެސް ބައެއްގެ ފްލެޓު އަތުލުމުގެ ވިސްނުން ނުގެންގުޅޭކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އަދި އޭސީސީން އަންގާ ގޮތަކަށް އަމަލު ކުރާނެ ކަމަށާއި ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ ވެސް އޭގެ ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ޝަރުތު ހަމަވާ ނަމަ، ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
4000 ފްލެޓު ލިބޭނެ މީހުން ކަނޑައަޅަފައިވަނިކޮށް އޭސީސީން އެކަން ހުއްޓަލުމަށް އެންގިފަހުންވެސް އޭރުގެ ހައުސިން މިނިސްޓްރީން ފްލެޓު ބަހާފައިވެއެވެ.