ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންއެފް)އަށް އުފެއްދުމުގެ ހުއްދަ މާދަމާ ލިބިގެންދާނެ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދެވުމުގެ ކުރިން ނިންމަނަވަން ޖެހޭ ކަންކަމަށް އިއްޔެ ވަނީ އިލެކްޗަންސް ކޮމިޝަނުގައި މަޝްވަރާކޮށްފައެވެ. އައު ސިޔާސީ ޕާޓީ އުފައްދަވަނީ ރައީސް ޔާމީންގެ ދަތިކަލުން ޒޭން ޢަބްދުﷲ ޔާމީންގެ ނަންފުޅުގައެވެ. އަދި ކުށުގެ ރެކޯޑް ސާފުކުރުން މިހާރު ނިމިފައިވާކަމަށް މަލީހު ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއަށް އިލެކްޝަން ކޮމިޝަނުން އެޕާޓީ އުފެއްދުމުގެ ހުއްދަ މާދަމާ ލިބިގެންދާނެކަމަށެވެ.
ޔާމީންގެ ސިޔާސީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ އިތުރުން، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެމަނިކުފާނު ވިދާޅުވީ، އެޕާޓީ ދޫކޮށްލެއްވީ ލީޑާޝިޕް އެމަނިކުފާނާ ދުރަށް ވަޑައިގަތުމުންކަމަށެވެ. ނަމަވެސް ޕީޕީއެމް ލީޑާޝިޕު ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން އެބޭފުޅުންނާއި ދުރަށް ވަޑައިގަތީކަމަށެވެ. އަދި ރައީސް ޔާމީންގެ އެ ނިންމެވުންތަކުގެ އިސް ފަރާތަކީ ޑރ. ޖަމީލް ކަމަށެވެ.