މި ސަރުކާރުގެ ހައުސިން މިނިސްޓަރުކަމަށް ވަޑައިގެންނެވި ޑރ. އަލީ ހައިދަރު ވަޒީރުކަމާއި ހަވާލުވީ އިނގިރޭސި ރައްޔިތުކަން ދޫކޮށްލާފަ ކަމަށް އެނާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާ ގުޅޭގޮތުން މައުުލޫމާތު ސާފުކުރުމަށް ގައުމީ ތަރައްގީ އާއި ތަރަކައިގެ ކޮމިޓީއަށް އޭނާ ހާޒިރުކުރުމުން އެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
ކޮމިޓީ ބައްދަލުވުމުގައި، އެހެން ގައުމެއްގެ ރައްޔިތުކަން އޮވޭތޯ އޭނާއާއި ސުވާލު ކުރައްވާފައިވަނީ ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމްއެވެ.
އެސުވާލަކީ ކޮމިޓީއަށް ހާޒިރުކުރެވުނު މައްސަލައާއި ގުޅުން ނެތް ސުވާލަކަށް ވި ނަމަވެސް، ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވެފައިވަނީ އޭނާ ވަޒީރުކަމާއި ހަވާލުވުމުގެ ކުރިން އިނގިރޭސި ރައްޔިތުކަން ދޫކޮށްލައްވާފަ ވާކަމުގައެވެ.
މިކަމާ ގުޅޭ ސުވާލެއް ނޫން. އެކަމަކު އަޅުގަނޑުގެ ނޯވޭ، މިވަގުތަކު ނޯވޭ އިނގޭތޯ. އަޅުގަނޑު ދޫކޮށްލައްވައިފިން.
ހައިދަރު ވިދާޅުވިއެވެ.
މި ސަރުކާރުގެ ވަޒީރުކަމާއި ހަވާލުވުމާއި ހަމައަށް ހައިދަރު ދިރިއުޅުއްވަމުން ގެންދަވާފައިވަނީ އިނގިރޭސިވިލާތުގައެވެ.
މި ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެއްވެސް ވަޒީރެއްގެ އަތުގައި އެހެން ގައުމެއްގެ ރައްޔިތުކަން އޮވޭތޯ ބެލުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގައި ވަނީ ފެންމަތި ކޮށްފައެވެ.
އެގޮތުން ބައެއް ވަޒީރުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓު އޮވެދާނެ ކަމަށް ޝައްކު ކުރެވޭތީ، އެކަން އިތުރަށް ސާފުކުރަން ރައީސް އޮފީހުގައި އެދެން އެ ކޮމިޓީން މިއަދު ފާސްވެސް ކޮށްފައި ވެއެވެ.