ބައެއް ގައުމުތަކަށް ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށާއި، އަދި އޭގެ އިތުރުން ބައެއް މުވައްސަސާތަކަށް އައްޔަން ކުރުމަށް ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ނަންތައް މި ސަރުކާރުން އަބުރާ ގެންގޮސްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމްއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަން ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވި ނަންތަކުގެ އިތުރުން ހަތަރު ސަފީރެއްގެ ނަންވެސް އަނބުރާ މި ސަރުކާރުން ގެންގޮސްފައިވާ ކަމަށެވެ.
މި ސަރުކާރުން އަބުރާ ގެންގޮސްފައިވާ، ސަފީރުކަމަށް އައްޔަންކުރަން ކުރީ ސަރުކާރުން ފޮނުވި ނަންތަކަކީ، ޕާކިސްތާނަށް ކަނޑައެޅި ސަފީރު ސެލީނާ ހަދީޖާ ނަޖީހާ، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި ސަފީރު މިދްފާ ނައީމް. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ކަނޑައެޅި ސަފީރު ހުދާ އަލީ ޝަރީފްގެ އިތުރުން ބަންގްލާދޭޝް އަށް ކަނޑައެޅި ސަފީރު ޝިއުނީން ރަޝީދުގެ ނަންފުޅެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މިއަހަރު އޭޕްރިލް މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިވްރީން އާއި މެއި މަހު އައްޔަން ކުރެއްވި މުހައްމަދު އާޒާދަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް އެ ދެ ބޭފުޅުން ވެސް މިހާރު އެ މަގާމްތަކުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މި ބޭފުޅުންގެ ނަންތައް އަބުރާ ގެންދަވަން އާ ރައީސް މަޖިލިހަށް ސިޓީ ފޮނުއްވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
އޭގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލިހުގެ މި ދައުރު ނިމޭއިރު، ނިންމާންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމާއެކު، މަޖިލިހުގެ މި ދައުރުގެ މުއްދަތު ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ