ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މާލޭގެ މޭޔަރުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް އިންތިޚާބު ވުމާއި ގުޅިގެން އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނަވައި ރައީސް މުއިއްޒު ވަނީ މާލޭގެ ތަރައްޤީއާއި ކުރިއެރުމަސް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް މިހާރު ނިންމާފައިވާކަމަށެވެ. މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނޮވެމްބަރ 28 އިން ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެކަމަށް ހަބީބް ވިދާޅުވިއެވެ.
މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޖުމްލަ 4 ގޮނޑިއެއް ވަނީ ހުސްވެފައެވެ. ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ނާޞިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމްވެސް ވަނީ މެންބަރުކަމުން އިސްތިޢުފާ ދެއްވާފައެވެ. މިބޭފުޅުން މިހާރު އަދާކުރައްވަމުންދަނީ ދައުލަތުގެ އިސް މަޤާމުތަކެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރެއްވުމަށް މިހާރުވެސް ބައެއް ބޭފުޅުން ވަނީ ޝަޢުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މުޙައްމަދު ސައިފް ފާތިހް ވާދަކުރައްވާނެކަން ހާމަކުރައްވާފައިވެއެވެ.
ޖެނުއަރީ 13 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށްފަހު 2 ދުވަހެއްގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރާނެއެވެ. އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ ޖަނަވަރީ 15 ވަނަ ދުވަހެވެ.
ކޮމެންޓު ފޮނުވާ