ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ފޯމު ފުރުމުގެ މަސައްކަތްތަކުގައި އެ މަސައްކަތްކުރާ އޮފީހަށް ވަޑައިގެންފިއެވެ.
ޕީޕީއެމް އޮފީސް މީގެ ކުރިން ހިންގި ހ.ހުރަފަގެއަށް ވަޑައިގެން އިންނެވި ފޮޓޯއެއް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވަނީ ޓްވީޓް ކުރައްވާފައެވެ. އަރިހުގައި ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އިންނެވިއެވެ.
ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އެވެ. އެޕާޓީ އުފައްދަވަނީ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީންގެ ނަންފުޅުގައެވެ.
ހ.ހުރަފަ ގޭގައި ހުންނަ ޕީޕީއެމް އޮފީސް ހުސްކޮށްފައިވަނީ ޕީއެންއެފް ހިންގުމަށެވެ. އެ އޮފީހުގައި ވަނީ އައު ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ފޯމު ފުރުން ކުރިއަށް ގެންދަވާފައެވެ.
ރައީސް ޔާމީން އަދިވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. ނަމަވެސް ކަސްރަތުކުރުމަށް އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން ވަނީ ރަށު ބަންދަށް ބަދަލުުކުރައްވާފައެވެ. ނަމަވެސް ޖަލު ހުކުމެއްގައި ހުރުމުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭނެއެވެ.
ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. މިއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ އެކަން ބަލަމުން އަންނަކަމަށާއި، ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށެވެ.
ކޮމެންޓު ފޮނުވާ