ދިވްޔާ މަރުވީ ކޯވިޑް-19ގައި ނަމަވެސް މަރުގެ ތުހުމަތު ފިރިމީހާއަށް

ދިވްޔާ މަރުވީ ކޯވިޑް-19ގައި ނަމަވެސް މަރުގެ ތުހުމަތު ފިރިމީހާއަށް

ކޯވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް ހޯމަ ދުވަހު މަރުވި ޓީވީ އެކްޓްރެސް ދިވްޔާ ބަޓްނަގަރްގެ މަރުގެ ޒިންމާ އޭނާގެ ފިރިމީހާ ނަގަން ޖެހޭނެ ކަމަށް ދިވްޔާގެ އާއިލާގެ ބައެއް މީހުނާއި ރައްޓެހިން ބުނަންފަށައިފި އެވެ.

ދިވްޔާގެ މަރަށް ފަހު އޭނާގެ ޕްރައިވެޓް ޗެޓް ތަކެއް އޭނާގެ ބޭބެ ވަނީ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފަ އެވެ. މި ޗެޓް ލޮގްގައި ދިވްޔާ ވަނީ އޭނާގެ ފިރިމީހާ ގަގަން ގަބްރޫ އޭނާގެ ގައިގާ ތަޅާ އަނިޔާކުރާކަމަށް ބުނެފައެވެ. ދިވްޔާ މަރުވެފައިވަނީ ކޯވިޑް 19 ޖެހިގެން ހޯމަ ދުވަހުއެވެ. ނަމަވެސް އޭނާގެ މަރުވީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބުމުގެ ސަބަބުން ކަމަށް އޭނާގެ ގާތް ރަހުމަތްތެރިޔާ ދެވޮލީނާ އާއި އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

އޭނާގެ ބޭބެ ދެވާޝިޝް އަކީ ދިވްޔާގެ ސޯޝަލް މީޑިޔާގެ އެކައުންޓްތަކަށް ވަނުމުގެ ބާރު އޮންނަ ހަމައެކަނި މީހާއެވެ. އަދި ބުރާސްފަތި ދުވަހު އެ ސްކުރީން ޝޮޓްތައް ހިއްސާކުރަމުން އޭނާ ބުނީ އެކަންތައް އޭނާއަށް ކުރިން އެނގުނުނަމަ އޭނާއަށް ކޮއްކޮއާއި އެއްކޮޅަށް ތެދުވެ މިހުރިހާ ކަމަކުން ސަލާމަތް ކުރެވުނީސް ކަމަށެވެ. މީގެ އިތުރުން އޭނާ ގަގަންއަށް މިހާރު ކުރާ ނަފްރަތުވެސް ވަނީ ހާމަކޮށްފައެވެ.

ދައުރުވަމުންދާ ޗެޓް ލޮގް ތަކުގައި ދިވްޔާ ބުނެފައިވަނީ ކޮންމެ ދުވަހަކު ދިވަޔާގެ ގައިގާ އޭނާގެ ފިރިމީހާ ބެލްޓަކުން ތަޅާކަމަށާއި އަދި އޭނާގެ އިނގިލިވެސް ވަރަށް ގިނަފަހަރު ބިނދިފައި ވާކަމަށާއި ރުޅިއައިސްގެން އުޅެނީ ގަގަންގެ މައްޗަށް ކުރިއަށްދާ ކޭސްއެއްގެ ސަބަބުން ބޯގޮވައިގެންކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ދެވާޝިޝް ބުނެފައިވަނީ ދިވަޔާއަށް ގަގަން އަނިޔާ ކުރަން ފެށީ ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން ކަމަށެވެ. އަދި ނޮވެމްބަރ 7 ގައި ފިރިމީހާ ދިވްޔާއަށް އަނިޔާ ކުރާކަމަށް ނޯޓެއް ލިޔެގައި އޮތްކަމަށެވެ. ނަމަވެސް އެ ނޯޓު އާއިލާއަށް ފެނުނީ ދިވްޔާ މަރުވީ ފަހުން ކަމަށްވެސް އޭނާގެ ބޭބެ ވަނީ ބުނެފައެވެ.

ނޮވެމްބަރ 16 ގައި ގަގަން އާއި ދެކޮޅަށް ޑޮމެސްޓިކް އެބިއުސްގެ މައްސަލައެއް ދިވްޔާ ފައިލްކޮށްފައި ވާކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ދިވްޔާގެ ރަހުމަތްތެރިޔާ ދެވޮލީނާ ވެސް އިންސްޓާގުރާމުގެ އެކި ޕޯސްޓްތަކުގައި ދިވްޔާގެ މަރާމެދު އޭނާގެ ފިރިމީހާ ގަގަންއަށް ގެންދަނީ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

ނަމަވެސް ގަގަން ވަނީ އޭނައާމެދު ދިވްޔާގެ އާއިލާއާއި ރައްޓެހިން ކުރާ ތުހުމަތުތަށް ދޮގުކޮށްފައެވެ. ދިވްޔާއާއި އެކު ގަގަން ގޭތެރޭ ނަށާއުޅޭ ވީޑިއޯއެއް ހިއްސާކޮށް ގަގަން ވަނީ އެއީ އެދެމީހުންގެ އުފާވެރި ދިރިއުޅުން ކަމަށާއި އޭނާ އަނިޔާކޮށް ގަދަބާރުން ކައިވެނި ކުރި ނަމަ ދިވްޔާގެ އެ އުފާވެރިކަން ފެނުނީސްތޯ ސުވާލުކޮށްފައެވެ. އަދި އޭނާއާ ދެކޮޅަށް ދޮގު މައުލޫމާތު ފަތުރާ މީހުންގެ ބޭނުމަކީ ޕަބްލިސިޓީ ހޯދުން ކަމަށްވެސް ގަގަން ތުހުމަތު ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *