ކުއްޖާއަށް އަނިޔާކުރިކަމަށް މެއިޑު އެއްބަސްވެއްޖެ

ކުއްޖާއަށް އަނިޔާކުރިކަމަށް މެއިޑު އެއްބަސްވެއްޖެ

ކުޑަކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ މެއިޑް، ކޯޓުގައި ކުށަށް އިއުތިރާފްވެއްޖެއެވެ.

ސަންދީޕް ކޯރު ނަމަކަށް ކިޔާ 22 އަހަރުގެ މި އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ ކުޑަކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިގެންނެވެ. އެ ވީޑިއޯއިން  އެ ކުއްޖާ ނިންދަވަން މަސައްކަތް ކުރަމުން ކުޑަކުއްޖާގެ މޫނުމަތީގައި ތަޅާ މަންޒަރު ފެނެއެވެ. މިއާއެކު އެ މައްސަލަ ފުލުހަށް ހުށައެޅިއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން  އޭނާ ވަނީ ކޯޓުގައި އެ ކުށަށް އެއްބަސްވެ، އެކަމަށް މާފަށް އެދޭ ކަމަށް ބުނެފައެވެ.

އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ. އެންމެ ފުރަތަމަ 15 ދުވަހަށް އޭނާ ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.  އެ މުއްދަތު ހަމަވުމުން މި މަހު ނުވައެއްގައި ވެސް އޭނާ ބަންދަށް އިތުރު 15 ދުވަސް ކޯޓުން އިތުރުކޮށްދިނެވެ.

މި މައްސަލަ 10 ދުވަސް ތެރޭގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.

އޭނާގެ ފަރާތުން ވަކާލާތުކުރާނެ ވަކީލަކު ހަމަޖެއްސި ނަމަވެސް، އިއްޔެ ބޭއްވި އަޑުއެހުމަށް ވަކީލު ހާޒިރުނުވާ ކަމަށް ކޯޓު ޢަމުރުގައިވެއެވެ.

އޭނާ ވަނީ ކޯޓުގައި ގޭގެ މީހުން އޭނާއަށްވެސް އަނިޔާކުރާކަމަށާއި، މުސާރަވެސް ނުދޭކަމަށް ބުނެފައެވެ. އަދި ބަލިވުމުންވެސް ގަދަކަމުން މަސައްކަތްކުރުވާކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

އޭނާއަށް ކުރަނީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރުމުގެ ތުހުމަތެވެ. އޭނާ ކުއްޖާގެ ގައިގައި ޖަހާކަމަށް ތުހުމަތުކުރާ ވީޑިއޯ ހެކި ހުރުމުން ތުހުމަތު ވުޖޫވާ ވަރަށް މި މައްސަލާގައި ހެކި އެބަހުރި ކަމަށް ކޯޓުން ބުނެފައިވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *