އެމެރިކާގެރައީސް ޑޮނަލްޑް ޓްރަމްޕަށް ކޯވިޑް ޖެހިވަޑައިގަތުމާއި ގުޅިގެން، އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ކުރިޔަށް އޮތް ރިޔާސީ ބަހުސް ވާރޗުއަލްކޮށް (އޮންލައިކޮށް) ބޭއްވުމަށް އެމެރިކާގެ 'ކޮމިޝަން އޮން ޕްރެޒިޑެންޝަލް ޑިބޭޓްސް' އިން ނިންމާފައި ވަނިކޮށް، އެފަދަ ބަހުސެއްގައި ބައިވެރިވަޑައި ނުގަތުމަށް ޓްރަމްޕް ނިންމަވައިފިއެވެ.
އެހެންނަމަވެސް، ކޮމިޝަންގެ މި ނިންމެވުމަށް މަރުޙަބާ ވިދާޅުވެ ވާރޗުއަލްކޮށް ބޭއްވުނު ކަމުގައި ވިޔަސް ބަހުސްގައި ބައިވެރި ވެވަޑައިގަންނަވާނެ ކަމަށް ޑިމޮކްރަޓިކް ކެނޑިޑޭޓް ކުރީގެ ނާއިބު ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. ޖޯ ބައިޑަން ވިދާޅުވި ގޮތުގައި އެމަނިކްފާނުގެ އެންމެ މުހިންމު އަމާޒަކީ ޑޮނަލްޑް ޓްރަމްޕްގެ ނާގާބިލްކަން ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށާއި ކޯވިޑް ކާރިސާގެ ތެރޭގައިވެސް ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލުކޮށް ވާހަކަ ދައްކަވަން ބޭނުންފުޅުކަމުގައި ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، 'ކޮމިޝަން އޮން ޕްރެޒިޑެންޝަލް ޑިބޭޓްސް’އިން ނިންމެވި ނިންމެވުމާއިމެދު ނުރުހުން ފާޅުކުރައްވާ ޓްރަމްޕް ވިދާލުވެފައިވަނީ، ކޮމްޕިއުޓަރެއްގެ ކައިރީގައި އިންނަވާއިގެން ބަހުސް ކުރެއްވުމަކީ އޭނާ ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫންކަމަށާއި މޮޑެރޭޓަރ ބޭނުންއިރަކު މައިކް ކަޑުއްވާލެއްވޭ ގޮތަށް ބަހުސް ކުރައްވަން ބޭނުންފުޅު ނުވާކަމުގައެވެ.
އެމެރިކާގެ މިއަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ކެނޑިޑޭޓުންގެ، ތިން ރިޔާސީ ބަހުސްގެ ތެރެއިން ފުރަތަމަ ބަހުސް ސެޕްޓެމްބަރ 29ގައި ވަނީ ބޭއްވިފައެވެ. އެހެންނަމަވެސް އެބަހުސް ވެގެން ދިޔައީ ކެނޑިޑޭޓުން އެކަކު އަނެކަކަށް ހުތުރު ބަހުން މުޢާމަލާތުކުރުމާއި އަދި ކުރިން އެބަސްވެފައިވާ އުސޫލުތަކަށްވެސް އިހުތިރާމްކުރުމެއް ނެތި ބޭއްވިގެން ދިޔަ ބަހުސަކަށެވެ. އަދި މިބަހުސަށްފަހު ދެކެނޑިޑޭޓުނަށްވެސް އެމެރިކާގެ އެތައްބައެއްގެ ނުރުހުމާއި ފާޑުކިއުން އަމާޒު އަމާޒުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މިބަހުސަށްފަހު، ކުރިޔަށް އޮތް ބަހުސްތަކުގައި ކެނޑިޑޭޓުން ކުރިން އެއްބަސްވެފައިވާ އުސޫލުތަކަށް އިޙުތިރާމް ނުކުރައްވާނަމަ، އެކެނޑިޑޭޓެއްގެ މައިކް އޮފްކުރުމުގެ އިޚްތިޔާރު މޮޑެރޭޓަރއަށް ދިނުމަށް ކޮމިޝަންއިން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މިއުސޫލަށްވެސް ޓްރަމްޕްގެ ޓީމުންވަނީ ދެކޮޅު ހަދާފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެންމެ 27 ދުވަހަށް ވެފައިވާއިރު، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން ރިޔާސީ ކެނޑިޑޭޓުންގެ އިތުރު ދެބަހުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވޭ 2 ވަނަ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ތިންވަނަ ބަހުސް ބޭއްވިގެން ދާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
'ކޮމިޝަން އޮން ޕްރެޒިޑެންޝަލް ޑިބޭޓްސް' އަކީ އެމެރިކާގެ މައި ސިޔާސީ ދެ ޕާޓީ ކަމުގައިވާ ޑިމޮކްރަޓިކް ޕާޓީއާއި ރިޕްބްލިކަން ޕާޓީގެ ޗެއަރމަނުން އެއްބަސްވެ، އެމެރިކާގައި ބޭއްވޭ ރިޔާސީ އިންތިޚާބުތަކަށް ތައްޔާރު ވުމުގެ ގޮތުން ބޭއްވޭ ރިޔާސީ ބަހުސްތައް މިނިވަންކަމާއިއެކު ބޭއްވުމަށް 1987 ވަނަ އަހަރު އުފެއްދި ކޮމިޝަންއެކެވެ. މިކޮމިޝަންގެ މުވައްޒިފުންގެ ގޮތުގައި މަސައްކަތް ކުރަނީ މިދެޕާޓީގެ މެމްބަރުންނެވެ. އަދި ރިޔާސަތު ބަލަހައްޓަނީ މިދެޕާޓީއަށް ނިސްބަތްވާ އިސްފަރާތްތަކުންނެވެ.
ކޮމެންޓު ފޮނުވާ