ގިނަ ބަޔަކަށް ލަނޑު ލިބުނު ސްކީމް ހިންގި އަލްހާންއާއި އޭނާގެ ދެ ކޮއްކޮއަށް ދައުވާކުރަން ފޮނުވައިފި

ގިނަ ބަޔަކަށް ލަނޑު ލިބުނު ސްކީމް ހިންގި އަލްހާންއާއި އޭނާގެ ދެ ކޮއްކޮއަށް ދައުވާކުރަން ފޮނުވައިފި

Author
ހުސެއިން
23 ނޮވެމްބަރ 2023 05:39
0

އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި "އޮންލައިން ޓްރޭޑިން"ގެ ނަމުގައި ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތު ކުރެވިފައިވާ، އަލްހާން ފަހުމީގެ އިތުރުން އޭނާގެ ދެ ކޮއްކޮގެ މައްޗަށްވެސް ގިނަ ދައުވާތަކެއްކޮށް މައްސަލަ ޕީޖީން މިއަދު ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މި މައްސަލާގައި އަލްހާންގެ އިތުރުން ގިނަ ދައުވާތަކެއް ކޮށް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ އަލްހާންގެ ދެ ކޮއްކޮއިން ކަމަށްވާ ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އެއިން ކޮންމެ މީހެއްގެ މައްޗަށްވެސް ޓެކުމުގެ 13 ދައުވާއެއްކޮށް މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ އެ މައްސަލާގެ އިތުރު ބައިތަކެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމުގައެވެ. އަދި އެ ބައިތަކުގެ ތަހުގީގު ނިމުމުން އެ މައްސަލަތަކާ މެދު އެ އޮފީހުން ފަހުން ގޮތެއް ނިންމާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާކަމުގެ ތުހުމަތުގައި އަލްހާން ފަހުމީގެ މައްސަލަ ތަހުގީގުކޮށް އަދި ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. އޭރު ފްރީޒްކޮށްފައިވަނީ އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓެވެ. ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެމްއެމްއޭއިން ވަނީ އާންމުގެ ސަމާލުކަމަށްވެސް އޭރު އެ މައްސަލަ ގެނެސްފައެވެ. މިއީ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އިން އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގި ސްކީމެކެވެ.

އަލްހާންގެ ކުންފުނީގެ އެކައުންޓް ފްރިޒްކުރުމާއި ގުޅިގެން އެކުންފުނިން އޭރު ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެކުންފުންޏަށް އަމާޒުކޮށް އެކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، އެކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާނެއްކަމަށާއި، އެކަން ކުށްވެރިކުރާކަމަށެވެ.

ކިންގްސް ކެޕިޓަލުން ސިވިުލްކޯޓުގައި ދައުވާކުރީ އެކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މި ދެކަން މިގޮތަށް ކަނޑައަޅައި މިއަހަރުގެ ޖެނުއަރީމަހުގެ 24 ވަނަދުވަހު ސިވިލްކޯޓުން ޙުކުމް ކުރިއެވެ. އެހެންކަމުން ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރުމުގެ ހައްޤު އެކުންފުންޏަށް އޮންނާނެކަމަށްވެސް ސިވިލްކޯޓުގެ ޙުކުމުގައި ވެއެވެ.

އަލްހާނުގެ ކުންފުނީގެ އެކައުންޓް ޑީއެކްޓްވޭޓްކުރީ ގިނަޢަދަދެއްގެ ފައިސާ އެކުންފުނީގެ އެކައުންޓުތަކަށް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސްއިން އެކުންފުންޏަށް އެންގިތާ އެއް ދުވަސް ފަހުންކަން ފާހަގަކޮށްފައިވެއެވެ. އަދި މަނީ ލޯންޑްރިންއަށް ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ޤާނޫނުގައި ބުނެފައިވާއިރު ބޭންކުން އެކަން ކުރީ ލިބިފައި ނުވާ ބާރެއްގެ ދަށުންކަމަށްވެސް ޙުކުމުގައި ވެއެވެ.

އަލްހަނުގެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓުމާ އެކު، އިންވެސްޓުކުރަން ފައިސާ ދިން ގިނަ ބަޔަކަށް އެމީހުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.