ވެރިކަންކުރާ ޕީއެންސީއާއި އެކީ އެއް ކޯލިޝަނެއްގައި އޮތް ޕީޕީއެމްގެ ހިންގުން އެޕާޓީގެ ސެނެޓްގެ ރުހުން ނެތި ޚާއްސަ ކޮމިޓީއަކާއި ހަވާލުކުރުމާއެކު، ޕާޓީގެ ސެނެޓްގެ ވަޓްސްއަޕް ގުރޫޕު ހޫނެ އެގުރޫޕުން، ޕީޕީއެމް ހިންގުމަށް އެކުލަވާލި ކޮމިޓީގެ އިސް މެމްބަރު ވަޓްސްއަޕް ގުރޫޕުން ބޭރު ކޮށްލައިފިއެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ނުހިނަމަނާ އެޕާޓީގެ ހިންގުން ވަކި ކޮމިޓީއަކާ ހަވާލު ކޮށްފައިވަނީ މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމިންގެ އެންގެވުމަށެވެ. ޕާޓީ ހިންގުމަށް ޔާމިން ހަމަޖެއްސެވި ކޮމިޓީގެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވީ ކުރީގެ ނާއިބު ރައީސް ޖިހާދުގެ އިތުރުން ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާއާއި ކުރީގެ ޔޫތު މިނިސްޓަރ މަލީހު ޖަމާލްއެވެ.
މި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސެވީ ނައިބު ރައީސް ޖިހާދެވެ. އިދާރީ ގޮތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މަލީހުއެވެ. ޕާޓީ ހިންގަން ޔާމިން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގައި ޖިހާދުއާއި، މަލީހުއާއި އައްބާސް އާދިލް ރިޒާއާ އެކުގައި 12 މެމްބަރުން ތިއްބަވައެވެ. އެ ކޮމިޓީގައި ޕީޕީއެމްގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ހިމެނިވަޑައިނުގަންނަވައެވެ.
ޕީޕީއެމްގެ ހިންގުން ހަވާލު ކުރި ކޮމިޓީގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ސެނެޓް ވަޓްސްއަޕް ގުރޫޕުގައި ސެނެޓްގެ ގިނަ މެމްބަރުން ބުނެފައިވަނީ އެޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ ސެކެޓްރީ ޖެނެރަލް ތަލާލްއަށް އެންގުމަކާ ނުލާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ސެނެޓް މެމްބަރުން ރޭ ވިދާޅުވެފައިވަނީ، ޕްރެސް ކޮންފަރެންސެއް ބާއްވާ ނަމަ، އަސާސީ ގަވައިދުގައިވާ ގޮތަށް ސެކްރެޓަރީ ޖެނެރަލް އާއި ތަރުޖަމާނަށް އެނގެން ޖެހޭނެ ކަމަށެވެ. މެމްބަރުން ވިދާޅުވީ ނޫސްކޮންފަރެންސް ބޭއްވިއިރު، ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެކަން ޕާޓީގެ ކާމާއި ގުޅުންހުރި ފަރާތްތަކަށް އަންގާފައި ނުވާކަމުގައެވެ.
އަދި ސެނެޓް ވަޓްސްއަޕް ގުރޫޕުގައި މެމްބަރުން ތުހުމަތު ކޮށްފައިވަނީ މަލީހު އެ ޕާޓީ ފިތުނަވެރި ކުރުވަން މަސައްކަތް ކުރަނީ މަލީހުއަށް މި ސަރުކާރުން ވަޒީރުކަން ނުދިނުމުންނެވެ.
ކޮބާހޭ ހައިސިއްޔަތު. ޕްރެސް އަށް އަރަން މަލީހް، ކަލޭ އަށް ވަޒީރުކަން ދޭކަށް ނުޖެހޭނެ. ވަޒީރުކަން ނުލިބުނަސް ތި ބޮޑު ވަރު. ތި ހާއިނެކޭ. ޣައްދާރެކޭ.
ސެނެޓްގެ މެމްބަރަކު މަލީހުއަށް ނިސްބަތްކޮށް ވިދާޅުވިއެވެ.
ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި އިލެކްޝަންސް ކޮމިޝަންސްގެ މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ވަޒީރުކަމާ ސްޓޭޓް މިނިސްޓަރުކަމާއި ބޭނުންވާ ކުންފުނިތަކުގެ އެމްޑީންގެ މަގާމު ނުލިބުމުން މަސައްކަތް ކުރަމުންދަނީ ރައިސް މުއިއްޒުގެ ސަރުކާރަށް ހުރަސް އެޅުމަށް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މަގުމަތިން ކުޑަކުދިން ކޮޅެއް ގޮވައިގެން ނުކުމެ މަލީހް ޖަހާ ސަކަރާތުން ރައީސް މުއިއްޒު ގައުމު ބިނާ ކުރެއްވުމަށް ފެއްޓެވި މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދު ބޮލާލައި ޖަހަން ފުރުސަތު ނުދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކަކީ ޕީޕީއެމްގެ ސެނެޓްގައިވެސް ނުހިމެނޭ ފަރާތްތައްކަން ފާހަގަ ކޮށްލެވެ.
ކޮމެންޓު ފޮނުވާ