މިފްކޯގެ އާ ބޯޓު "ޖަޒީރާ 106″ މާލެއަށް ބަނދަރުކޮށްފި

މިފްކޯގެ އާ ބޯޓު "ޖަޒީރާ 106″ މާލެއަށް ބަނދަރުކޮށްފި

Author
ހުސެއިން
21 ނޮވެމްބަރ 2023 08:57
0

މިފްކޯގެ ފްލީޓަށް އިތުރަށް ގެންނަ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 106″ ހޯމަ ދުވަހުގެ ރޭ 10 ޖެހިއިރު މާލެއަށް ބަނދަރުކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ. މިފްކޯއިން ބުނެފައިވަނީ މިހާރު ބޯޓުގެ ކުރޫ ބަދަލު ކުރުމާއ،ި ކަސްޓަމްސް ކްލިއަރެންސް ހޯދައި ލޯކަލައިޒް ކުރުމުގެ މަސައްކަތް ވަނީ ފެށިފައިވާކަމުގައެވެ.

ޖަޒީރާ 106 ތައިލެންޑުން ރާއްޖެ އައުމަށް ދަތުރުފަށާފައިވަނީ 4 ނޮވެމްބަރ 2023 ވަނަދުވަހުއެވެ. މިބޯޓުގެ އިތުރުން އެއް ކެޕޭސިޓީއެއްގެ އިތުރު 2 ބޯޓު މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެކަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި ޖަޒީރާ ސީރީޒްގެ މި މަސްކިރާ ބޯޓު ތަކަކީ ބޯޓަކަށް ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓުތަކެކެވެ. އަދި މި ތިން ބޯޓު އެ ކުންފުނީގެ އޮޕަރޭޝަނާއި ގުޅުމުން މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނު މަސް ގަތުމުގެ ގާބިލްކަން ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފްކޯއިން މިއަހަރު 4 ބޯޓު ގަނެފައިވެއެވެ. އެގޮތުން މިއަހަރު މާރިޗު މަހުގައި ރާއްޖެ ގެނައި ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުންދެއެވެ. މިއަހަރު މިފްކޯއިން ގަނެ ފްލީޓަށް އިތުރުކުރެވޭ ޖަޒީރާ ސީރީޒްގެ 4 ބޯޓުން ދުވާލަކު 300 ޓަނުގެ މަސް ފްރީޒްކުރުމުގެ ގާބިލުކަން ލިބިގެންދާނެކަމަށްވެސް މިފްކާއިން ބުނެފައި ވެއެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އައުމަށް ތައްޔާރުވެފައިވާ ޖަޒީރާ ސީރީޒް ގެ 3 ބޯޓު މިފްކޯގެ އޮޕަރޭޝަނާއި ގުޅުމާއެކު ދިވެހިރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ރަގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.