ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ދެ ސައިކަލްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ދެ އަންހެނުންނާއި ދެ ފިރިހެނުންނަށް އަނިޔާވި ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އަނިޔާވި އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާތައް ސާފު ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އެ ތަނުން ހާލު ސީރިއަސްވި އަންހެން މީހާގެ ބޮލަށް އަނިޔާވެފައިވެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށެވެ. އަދި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދެ އަންހެނުންނާއި ފިރިހެނަކު މަގުމައްޗަށް ވެއްޓިފައި އޮތް ތަން ފެނެއެވެ. އަދި ފިރިހެން މީހާ ސްޓްރެޗާ އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ އިރު، ދެން ތިބި މީހުން ބަލާ އެހެން އެމްބިއުލާންސެއް އައިސް އޮތް މަންޒަރު ފެނެއެވެ.
މީގެއިތުރުން އެއް އަންހެނެއްގެ ބޮލުން ލޭ އަންނާތީ އޭނާގެ ބޮލުގައި ފޮތިގަނޑެއް ފާޑުގެ އެއްޗެއް އޮޅާލާފައި އޮތް ތަން ފެނެއެވެ. އަދި އެ މީހާ އޮތް ތަން ކައިރީގައި ގިނަ އަދަދެއްގެ ލޭ ވެސް ފައިބާފައި ހުއްޓެވެ. އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހާ އޮތް ތަނެއް ވީޑީއޯއަކުން ނުފެނެއެވެ.