ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ކާރަކާއި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދެ އަންހެނުންނާއި ފިރިހެނަކު މަގުމައްޗަށް ވެއްޓިފައި އޮތް ތަން ފެނެއެވެ. އަދި ފިރިހެން މީހާ ސްޓްރެޗާ އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ އިރު، ދެން ތިބި މީހުން ބަލާ އެހެން އެމްބިއުލާންސެއް އައިސް އޮތް މަންޒަރު ފެނެއެވެ.
މީގެއިތުރުން އެއް އަންހެނެއްގެ ބޮލުން ލޭ އަންނާތީ އޭނާގެ ބޮލުގައި ފޮތިގަނޑެއް ފާޑުގެ އެއްޗެއް އޮޅާލާފައި އޮތް ތަން ފެނެއެވެ. އަދި އެ މީހާ އޮތް ތަން ކައިރީގައި ގިނަ އަދަދެއްގެ ލޭ ވެސް ފައިބާފައި ހުއްޓެވެ. އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހާ އޮތް ތަނެއް ވީޑީއޯއަކުން ނުފެނެއެވެ.
ސެންޓްރަލް ޕާކު ކައިރިން އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ދުއްވާފައި ދިޔަ ސައިކަލުތަކުގައި ޖެހިގެން ކަމަށްވެއެވެ.