ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އެބައޮތްކަމަށް ފުރަތަމަ ފަހަރަށް އެޕާޓީގެ ޕާލިމަންޓްރީގެ ގްރޫޕުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.
ޗެނަލް-13 އިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި މިއަދު ދެފެކްޝަން އޮތްކަމަށް ދެކޮޅު ހައްދަވާ ބޭފުޅުން ހެދިޔަސް އެއީ ނެތްކަމަށް ނުވާނެކަމަށެވެ. އެމްޑީޕީގައި އޮތް ދެ ފެކްޝަނަކީ ކޮރަޕްޝަނަށް ތާއީދު ކުރާ ފެކްޝަނަކާއި، ކޮރަޕްޝަނަށް ނޫނެކޭ ބުނާ ފެކްޝަނެއް ކަމަށެވެ.
ޚާއްސަކޮށް މަޖިލިސް ތެރެއިން ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކުރެވޭ މަސައްކަތުގައި އެކަމަށް ފާޅުގައި ދެކޮޅު ހައްދަވާ މިސަރުކާރުގެ ބާރުގަދަ ވަޒީރުންނާއި ގާތް މެމްބަރުން ތިއްބެވިކަމަށެވެ. ވައްކަމަށް ތާއީދު ކުރައްވާ މެމްބަރުންނަކީ މަދު މެމްބަރުންތަކެއް ކަމަށާއި، މަޖިލިސް ތެރެއިންވެސް އަދި އެމްޑީޕީގެ ތެރެއިންވެސް ކޮރަޕްޝަނާއި ދެކޮޅު ފެކްޝަން މާބޮޑުކަމަށް ޚަލީމް ވިދާޅުވިއެވެ.
އަޅުގަނޑުމެން ހިނގާ ހަގީގަތަށް ވާހަކަ ދައްކަމާ. އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް ދެ ފެކްޝަން. އެބައޮތް. މިއީ ހަގީގަތަކީ، އަޅުގަނޑުމެންގެ ފެކްޝަން އެމްޑީޕީގެ ތެރޭގައި ބޮޑީ. އަޅުގަނޑުމެންނަކީ ކޮރަޕްޝަނާއި ދެކޮޅު ފެކްޝަން. ދެން އޮތީ ކޮރަޕްޝަނަށް ތާއީދު ކުރާ ފެކްޝަން.
– ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ މިސަރުކާރުގެ ތެރޭގައި އެންމެބޮޑަށް ޚިޔާނާތް ހިންގަމުންދަނީ ޤާސިމް އިބްރަހީމްގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންކަމަށެވެ. އެގޮތުން ހަލީމް ވަނީ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯގެ ނަން ވަކިން ގެންނަވައި، ސްޓެލްކޯގެ އެމްޑީ އިސްކޮށް ހުންނަވައިގެން ބޮޑެތި ކޮރަޕްޝަން ހިންގަވާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މިބޭފުުންނަކީ ސަރުކާރުން މިހާރުވެސް ބޭރުކުރަން ޖެހޭ ބައެއް ކަމަށް ވިދާޅުވެފައެވެ.
ހަލީމް ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން މިގޮތަށް ވެރިކަން ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫންކަމަށެވެ. އަދި މިއަދު ވެރިކަން ކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އެ ނިޒާމު ގެނެސްގެެން ނޫނީ ރާއްޖެއަށް ހެޔޮ ވެރިކަމެއް އެއްވެސް ބަޔަކަށް ނުކުރެވޭނެކަމަށް ހަލީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ