މަނީލޯންޑްރިންގ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތައި ގުޅިގެން ނޫންކަމަށް ދޭހަވާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވާހަކަ ދައްކަވައިފިއެވެ.
ޗެނަލް 13 އިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ 7 ފެބުުރުއަރީގެ ސަބަބުންކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ނިންމުމަށް އޭރު ކުރެއްވި ބަޢާވާތުގެ އަޑީގައި ރައީސް ޔާމީންއަކީވެސް ހުންނެވި ބޭފުޅެއްކަމަށާއި، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތީވެސް ކޯޓުން ވެރިކަން ހަވާލު ކުރުމުންކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަން ކޯޓުން ހަވާލުކޮށް ބަޢާވާތުގައި ފަސް އަޅަން ކުރެއްވި މަަސައްކަތުގައި އެތައް ސިޔާސީ ލީޑަރުން ޖަލަށްލައި އެންމެފަހުން ވެރިކަން ނިންމައި ރައީސް ޔާމީންވެސް ޖަލަށް ވަޑައިގަންނަވަން ޖެހުނީކަމަށް ހަލީމް ވިދާޅުވިއެވެ. ހަލީމްގެ ވާހަކާގައި އެއްވެސް ވަރަކަށް ރައީސް ޔާމީން ޖަލަށްލުމަށް ކޮށްފައިވާ އެމްއެމްޕީއާރުސީގެ މައްސަލައިގެ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވެއެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ރައީސް ޔާމީންގެ އެއްވެސް ބައިވެރިވުމެއް އޮތްކަމަށްވެސް ވިދާޅުވެފައި ނުވެއެވެ.
ޚަލީމް ވިދާޅުވީ މިއަދު ވެރިކަންކުރާ ކޯލިޝަން ތެރޭގައި ބަޢާވާތުގެ ބައިވެރިން ލައިގެން ވެރިކަން ކުރަން ޖެހުމަކީ ވަރަށް ދަތި ކަމެއްކަމަށެވެ. ނަމަވެސް އެމީހުންނާއިއެކު ވެރިކަން ކުރަން ޖެހިފައިވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ކޮންމެ ބަޔަކު އަތުގައި ހިފައިގެންވެސް ވެރިކަން ބަދަލު ކުރުމަށް ރައްޔިތުން ބޭނުން ވުމުންކަމަށެވެ. އެއްވެސް ހާލެއްގައި މިއަދުވެސް ވެރިކަމުގެ ތެރޭގައި ތިއްބެވި ބަޢާވާތުގެ ބައިވެރިންނަކީ އެމްޑީޕީން ދުވަހަކުވެސް ރުހޭނެ ބައެއް ނޫންކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ