މާލޭގެ ގޭބިސީތަކުން ކުނި އުކާލުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތަށް ބަދަލު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގެ މަގުތަކުގައި މުޅި ދުވަހު ކުނިކޮތަޅުތައް ހުންނަ މައްސަލައަށް ހައްލެއް ގެނައުމުގެގޮތުން، ކުނި ނެރެންޖެހޭ ގަޑިތަކަށް ބަދަލު ގެނައުމަށް މާލޭ ސިޓީ ކައުންސިލާއި، ވެމްކޯއާއި ދެމެދު ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 10 އިން 12 އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ކުނި ނެރެން އަންގާފައި އޮންނަނީ މެންދުރު 12 އިން ދޭއް ޖެހުމާއި ހަމައަށެވެ. ނަމަވެސް އެ ގަޑިތަކުގައި ބޭރަށް ނެރޭ ކުނި ބަލާ ނައިސް ގިނައިރުތަކެއް ވާތީ އާންމުން ކަންބޮޑުވުން ފާޅުކުރެއެވެ.
މާލޭގެ މޭޔަރު ސިފާ މުހައްމަދު މިއަދު ވިދާޅުވީ، މިހާރަކަށް އައިސް އަވަހަށް ކުނިވާ ޒާތުގެ ކުނިތައް މުޅި ދުވަހު ކަހަލަގޮތަކަށް މަގުތަކުގައި ހުރުމުގެ ސަބަބުން ބައެއް މަގުތަކުގައި ނުބައިވަސްދުވުމާއި، ބުޅަލުގެ އުނދަގޫ ބޮޑުވުމުގެ ޝަކުވާތައްވެސް ކައުންސިލަށް ލިބެމުންދާކަމަށެވެ. އެހެންކަމުން ކުނި ނެރޭ ގަޑި ބަދަލުކުރުމުން، އާއްމުންގެ އެފަދަ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެމްކޯއާއި ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރާއިރު، މިބަދަލާއިއެކު ދުވާލު ގަނޑީގައި މަގުތަކުގައި ކުނި ނެރެފައި ބަހެއްޓުމުން ދިމަވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް މާލެ ސިޓީ ކައުންސިލުން ދެކެއެވެ.
ކޮމެންޓު ފޮނުވާ